ދިވެހި ފިލްމު އުފެއްދުމަށް މިދިޔަ އަހަރު އުފަންވި "އައި ފިލްމްސް"ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި"، މުވާސަލާތީ ކުންފުނި، ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ގެނައުމަށް އެ ދެކުންފުނީގެ މެދުގައި އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

"ބަވަތި" އަކީ ބިރުވެރި، ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އުލެވިގެންވާ ފިލްމެކެވެ.

"އައި ފިލްމްސް"ގެ "ބަވަތި"ގެ މައިގަނޑު އެއް ރޯލުގައި ފެނިގެންދާނީ، ފިލްމީ ދާއިރާއަށް މުޅިން އައު ފަންނާނެއްކަމަށްވާ އިފްނާޒް ފިރާގެވެ. މީގެ އިތުރުން އަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) މައިގަނޑު އަންހެން ރޯލުން ފެނިގެންދާނެއެވެ.

އިފްރާޒްގެ އިތުރުންވެސް ފިލްމުގައި ވަރަށް ގިނަ އައު ތަރިން ފެނިގެންދާނެއެވެ. މި ފިލްމު ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ މި އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ސްކްރީނިންގ އަށް ފަހު ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމުން ބަލާލެވޭނެއެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފިލްމީ އުފެއްދުންތަކަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.