ދިވެހިރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރަޝިޕް އައުކޮށް އިންސާނިއްޔަތަށްޓަކައި އެޖަމާޢަތުން ދޭ ހިދުމަތްތަކުގައި މިއަހަރުވެސް އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ.

މިއެއްބަސްވުމުގެ ރަސްމިއްޔާތު ވެގެން ދިޔައީ ވޯލްޑް ހިއުމަނިޓޭރިއަން ޑޭ އަދި ދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދެވުނު މުހިންމު އެއް ހަރަކާތް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިވެހި ރެޑްކްރެސެންޓުން ބުނީ، މިފަދަ މުނާސާބު ވަގުތެއްގައި ދިވެހި ރެޑް ކްރެސެންޓާއި ދިރާގާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ފުޅާވެގެން ދިއުމަކީ، ދިވެހި ރެޑް ކްރެސެންޓަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގ މެމްބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. އަދި މި ފުރުޞަތުގައި ދިރާގުން ވަނީ އިސްނަގައި، ދިވެހި ރެޑް ކްރެސެންޓް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތުގައި ބައިވެރިވުމަށްގެ ކޯޕަރޭޓް މެމްބަރަކަށްވެ، ދިވެހި ރެޑް ކްރެސެންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ ވިދާޅުވީ، ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ ކޯޕްރޭޓް މެމްބަރު ކަމަށެވެ. އަދި މިމެމްބަރޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާކަމެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ރަޝީދު ވަނީ، ދިވެހި ރެޑް ކްރެސެންޓްގެ ޓީމަށާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ. އަދި ދިވެހި ރެޑް ކްރެސެންޓުން ކުރާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.