ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ ނޯޓް 10 އަދި 10+ ދިރާގުން ރާއްޖޭގައި ރަސްމީކޮށް ތަޢާރަފުކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ. މި ދެ ފޯނު ތަޢާރަފުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

ސެމްސަންގް ނޯޓް ސީރީޒަކީ ސެމްސަންގ ފޯނުތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި "ޕަވަރ ޔޫސަރސް" މެދުގަ އެންމެ މަގުބޫލު ފޯނު ސީރީޒް އެވެ.

ދިރާގުން ބުނީ، ގެލެކްސީ ނޯޓް 10ގެ ފޯނުތައް ތަފާތު 2 ކުލައެއްގައި މިފަހަރުގެ ޕްރީއޯޑަރ ކުރުމަށް ލިބިގެން ދާނެ ކަމަށެވެ. އެއީ އޯރާ ގްލޯ އަދި އޯރާ ބެލްކެވެ.

ނޯޓް ފޯނާއި ސެމްސަންގެ އެހެނިހެން ފޯނުތަކާއި ތަފާތުކޮށްދެނީ ފޯނުގައި އެކުލެވޭ 'އެސް ޕެން' ފީޗާރތަކެވެ. މިފަހަރު ސެމްސަންގުން ތައާރަފްކުރި އެސް ޕެންގައި 'އެއަރ ގެސްޗަރ' ނުވަތަ ރިމޯޓް ކޮންޓްރޯލް ކުރެވޭ ފީޗާރއެއް ބޭނުންކޮށްފައިވެއެވެ. މި ފީޗަރ ބޭނުންކޮށްގެން ފޯނުގެ ސްކްރީންގައި އަތްނުލައި ފޯނުގެ ތަފާތު ފަންކްޝަންތައް ބޭނުން ކޮށްލެވޭނެއެވެ.

ނޯޓް 10+ގައި 4300 މިލިއޭމްޕްއަވަރ ބެޓްރީއިން މުޅިދުވަހުގެ ޗާރޖު ހިފަހައްޓާއިރު 30 މިނެޓުގެ ރެތޭގައި 70% އަށް ޗާޖްކޮށްލެވޭ ފާރސްޓް ޗާޖިންގ ފީޗަރ އެކުލެވިގެންވެއެވެ.

ދެން އެންމެ ފާހަގަކޮށްލެވެނީ ނޯޓް10+ގެ 5 ކެމެރާއެވެ. އެއީ 1 ފްރަންޓް ކެމެރާ އާއި 4 ބެކް ކެމެރާ އެވެ. މީގެ އިތުރުން ޑިސްޕްލޭއަށް ބަލާލާއިރު ނޯޓް 10ގެ ފޯނުތަކުގައިވެސް ވަނީ ސެމްސަންގްގެ ހިތްގައިމު އިންފިނިޓީ އޯ ޑިސްޕްލޭއެވެ. އަދި މިނޫންވެސް ތަފާތު އިނޮވެޓިވް ފީޗާރސް މިފަހަރުގެ ނޯޓް 10 ފޯނުތަކުގައި ފެނިގެންދާނެއެވެ.