އެއީ ފާއިތުވި އަހަރުގެ އެންމެ ފަހު ދުވަސް ކަމަށްވާ (2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ) ދުވަހެވެ. ޗައިނާގެ ބަނދަރު މަތީ ސަރަހައްދެއް ކަމަށްވާ، 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާންގެ ހުބޭ ޕްރޮވިންސްގައި ގޮތް ނޭނގޭ އާދަޔާ ޚިލާފު ނުރައްކާތެރި ރޯގާއެއް ފެތުރެމުން ދާކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ސަމާލުކަމަށް އެގައުމުން އެދުވަހު ގެނައެވެ. 2020ގެ ޖެނުއަރީ ފަހެއްގައި، ޗައިނާގައި ފެތުރެމުން ދިޔަ ނުރައްކާތެރި ބަލިމަޑުކަން އެގައުމުގެ އޮފިޝަލުން، އެއީ "ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް" (ސާރސް)ގެ ބާވަތެއް ކަމަށް ބުންޏެވެ. އަދި އޭގެ ދެދުވަސް ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މިއީ ކޮރޯނާ ވައިރަސްގެ އާއިލާއަށް ނިސްބަތްވާ، 2019-nCoV ނުވަތަ ކޯވިޑް19ގެ ނަންދީ އެކަން އިއުލާނުކޮށްފައެވެ.

މުޅި ދުނިޔެ ތަޙައްމަލު ކުރަމުން މިއަންނަނީ، މި ފަހުގެ ތާރީޚެއްގައި އިންސާނީ ދަރިފަސްކޮޅު ދެކެފައި ނުވާފަދަ ބިރުވެރި ބަލިމަޑުކަމެކެވެ. ކޮރޯނާ ވައިރަހުގެ ބިރުވެރިކަން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިއްޖެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެން ދައްކާ އެއްވާހަކައަކަށް މި ނުރައްކާތެރި ރޯގާގެ ބަލިމަޑުކަން ވެއްޖެއެވެ. ބޭހެއް އަދި ވަކިން ހާއްސަ ފަރުވާއެއް ނެތް މިރޯގާ ޖެހި ދުނިޔޭގެ އެތައް ހާސްބަޔަކު މަރުވަނީއެވެ. އެންމެ ބާރުގަދަ އަދި މުއްސަނދި ގައުމުތައް ހިމެނޭ ގޮތަށް، 180 ގައުމަކުން މިހާތަނަށް 75،000އަށް ވުރެ ގިނަމީހުން މަރުވެއްޖެއެވެ. ބައްޔަށް ފައްސިވި މީހުންގެ ޢަދަދު ދޮޅު މިލިއަނަނަށް އަރައިފިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކުޑަކަކޫމައްޗަށް ތިރިވެއްޖެއެވެ.

Articl Inline Image

ކޮރޯނާވައިރަހަކީ އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލިޖައްސާ ވައިރަހެކެވެ. މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާރސް)އާއި ސާރސް ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރުވާފަދަ ފަދަބަލިތައް މިވައިރަހުން ޖެހެއެވެ. އަލަށް ފެނުނު ކޮރޯނާ ވައިރަހަށް ދީފައިވާ ނަމަކީ ނޮވެލް ކޮރާނާ ވައިރަހެވެ. މިއީވެސް ހަމަ އަރިދަފުސް ރޯގާއެކެވެ. އެހެނަސް އޭގެ ނުރައްކާތެރި ބާވަތެކެވެ.

ދުނިޔޭގެ ސިއްހީ ނިޒާމު އެއްކޮށްހެން މިވަގުތު ގުޅިގެން މަސައްކަތްކުރަމުން އަންނަނީ، ކޮވިޑް19އަށް ފަރުވާއެއް ހޯދުމަށެވެ. މިބަލިން ރައްކާތެރިވާނޭ ވެކްސިނެއް ހޯދުމަށެވެ. އާންމުގޮތެއްގައި ވެކްސިނެއް ހޯދައި އޭގެ އަޖުމަބަލައި، އާންމުންނާ ހަމައަށް އެ ފޯރުކޮށްދިނުމަށް އެންމެ އަވަސް ވެގެން ވެސް 18 ވަރަކަށް މަސްދުވަސް ބޭނުންވާކަމަށް ތަޖްރިބާކާރުން ދިޔައީ ބުނަމުންނެވެ. ނަމަވެސް ހުރިހާ ކަމެއް ހުއްޓާލާފައި މިހާރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 35 ގައުމެއް ޝާމިލްވާގޮތަށް، ބޭސްއުފައްދާ، މަޝްހޫރު ބޮޑެތި ކުންފުނިތަކުން ވަނީ، ކޮރޯނާއަށް ބޭހެއް ހޯދުމުގެ ރޭހަށް ނުކުމެފައެވެ. އެބައެއްގެ ހުރި ހުރިހާ ހަކަތައެއް މިކަމަށް ހުސްކޮށް، ދިރާސާތަކާއި ތަފާތު ހޯދުންތަކާއި އަދި ކުރީގެ ހޯދުންތަކުގެ މައްޗަށް ބުރަވެ، މި ބައްޔަށް ވެކްސިނަކާއި ބޭހެއް ހޯދުމުގައި އަވަދިނެތި މަސައްކަތްކުރަމުން ދަނީއެވެ. އެގޮތުން މާތްﷲގެ އިރާދަފުޅާއެކު، ނޮވެލް ކޮރޯނާވައިރަހާ ދެކޮޅަށް 20 ވެކްސިނެއްގެ ތަހުލީލުތައް ކުރިއަށް ދާކަމަށް ވެއެވެ. އަދި އޭގެތެރޭން މިހާތަނަށް ހަތަރު ވެކްސިނެއް ވަނީ އަޖުމަބެލުމުގެ މަރުހަލާއާ ހަމައަށް ތިލަކޮށްފައެވެ. އޭގެތެރޭން އެއް ވެކްސިން މިހާރު ދަނީ ޖަނަވާރު ބޭނުންކޮށްގެން އަޖުމަ ބަލަމުންނެވެ. މީގެ ތެރޭން އެންމެ ކުރީގައި އުޅެނީ، އެމެރިކާގެ ބައޯޓެކް ފާމެއް ކަމަށްވާ، މޮޑާރނާއެވެ. އެކުންފުނިން އުފައްދާ ވެކްސިން އިންސާނުން ބޭނުންކޮށްގެން އަޖުމަ ބެލުމުގެ މަސައްކަތް އެކުންފުނިން މިހާރު ވަނީ ފަށައިފައެވެ.

  • އެމެރިކާގެ ބައޮޓެކްފާރމް، މޮޑަރނާއަށް ނިސްބަތްވާ ސައިންޓިސްޓުން ވަނީ، އެ ކުންފުނިން ތައްޔާރުކުރާ ކޮރޯނާ ވެކްސިން، އަވަހަށް ތައްޔާރުކުރުމަށްޓަކައި، އާންމުކޮށް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން، ޖަނަވާރު ބޭނުންކޮށްގެން އަޖުމަ ބަލާ މަރުހަލާ ދޫކޮށް، ސީދާ އިންސާނުން ބޭނުންކޮށްގެ އަޖުމަ ބެލުމަށް ތައްޔާރުވެފައިވާކަން މިދިޔަ މާރޗު މަހުގެ ފަހުކޮޅު އިއުލާނުކޮށްފައެވެ.
  • އޮސްޓްރޭލިއާގެ ސައިންޓިސްޓުން ވަނީ، ކޮރޯނާ ވައިރަސްއަށް ހާއްސަ ދެ ވެކްސިނެއް ލެބޯޓަރީގައި ޖަނަވާރު ބޭނުންކޮށްގެން އަޖުމަ ބަލަން ފަށައިފައެވެ. މިއީ ޖަނަވާރު ބޭނުންކޮށްގެން، ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، މިހާހިސާބަށް އެންމެ އަވަހަށް ގެނެވުނު ވެކްސިނެވެ. އަދި އެގައުމުގެ ސައިންޓިސްޓުން ވަނީ، މި ވެކްސިންތައް މި ހިނގާ އޭޕްރީލް މަހުގެ ފަހުކޮޅުގައި އިންސާނުން ބޭނުންކޮށްގެން އަޖުމަ ބެލޭތޯ މަސައްކަތްކުރަމުން ދާކަމަށް ބުނެފައެވެ.

ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމުގައި ހުރިހާ ކުންފުންޏަކުންވެސް ގެންދަނީ އެންމެ އަވަހަށް މި ވެކްސިން ހޯދޭނޭ ހުރިހާ ގޮތަކަށް މަސައްކަތްކުރަމުންނެވެ. އެހެންކަމުން، އާންމު ހާލަތުގައި ވެކްސިނެއް ފައްކާކުރުމަށް ނަގާ ވަގުތާއި، މަރުހަލާތަކަށް ރިއާޔަތް ކުރާނޭ ވަގުތު ނުލިބުމުގެ ސަބަބުން މިފަދަ ވެކްސިންތައް މަސައްކަތްކުރާނޭ ފެންވަރާމެދު އެހާބޮޑު ޔަގީންކަމެއް ނުދެވިދާނޭ ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ.

Articl Inline Image

އަދި މިފަދަ ވެކްސިނެއް ޔަގީންކަމާއެކު ފައްކާކުރެވުނު ކަމުގައި ވީ ނަމަވެސް، އެ އުފައްދާ ފަރާތްތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ވެކްސިން ބާޒާރަށް ނެރުމަށްޓަކައި، 2021 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ދެމިގެން ހިނގައިދާނޭ ކަމަށް މާހިރުން ދެކިލައްވައެވެ.

މިހާތަނަށް އިންސާނުންގެ މެދުގައި ފެތުރޭ ކޮރޯނާވައިރަސްގެ ތަފާތު ހަތަރު ބާވަތެއް ފެނިފައިވާ އިރު، މީގެ އެއްވެސް ބާވަތަކަށް އަދި މިހާތަނަށް ވެކްސިނެއް ހޯދިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޑޮކްޓަރުން ދަނީ، މިހާރުވެސް ތަފާތު އެންޓި-ވައިރަލް ޑްރަގްސް ބޭނުންކޮށްގެން، ކޮރޯނާ ވައިރަސްއަށް ފަރުވާ ދެވޭތޯ މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން، ދިރާސާކުރާ ފަރާތްތަކަށް، ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެއެވެ.

އޭގެ ތޭރޭން ފާހަގަކޮށްލެވޭ އެއް އެއްންޓި ވައިރަލް ޑްރަގަކީ، ރެމްޑެސިވިއަރ ކިޔާ ބޭހެކެވެ. މިއީ އެބޯލާއަށް ފަރުވާ ދިނުމަށް ޚާއްސަކޮށް އުފައްދާފައިވާ ބޭހެކެވެ. ނަމަވެސް، މިއީ ވަރަށް ގިނަ ވައިރަސްތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެއްކަމަށް ތަހުލީލުތަކުން ދައްކައެވެ.

މީގެ އިތުރުން، މެލޭރިއާއާ ދެކޮޅަށް ފަރުވާދިނުމަށް އުފައްދާފައިވާ، ކްލޮރޯކުއިން އަކީވެސް، ވަރަށް ގިނަ ވައިރަސްތައް މަރާލާ ބޭހެކެވެ. ނަމަވެސް، ކޮރޯނާއަށް ފަރުވާ ދިނުމުގައި މިއީ އަދި އެއްވެސް ޔަގީންކަމަށް އޮތް ބޭހެއްކަމެއް އެނގިފައެއް ނެތެވެ.

އިންސާނުން ކުރާނީ މަސައްކަތެވެ. އެކަމުގައި ބަރަކާތްލައްވައި، ކާމިޔާބު ދެއްވާނީ އަހަރެމެން ހެއްދެވި ފަރާތެވެ. އަހަރެމެންނަށް އޮތީ، ކޮރޯނާގެ ވަބާއިން ސަލާމަތްވުމަށް އެދި ﷲގެ ހަޟުރަތުގައި ދުޢާ ދެންނެވުމާއި، ކޮރޯނާ ފެތުރުނަ ނުދިނުމަށާއި އަދި މިކަމުން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ. ކަމާބެހޭ ފަރާތްތަކުންދޭ ލަފައާއި އިރުޝާދުއް ކަނުލާ އަހައި އެގޮތަށް ޢަމަލުކުރުމެވެ.

މައުލޫމާތު: ޑަބްލިއުއެޗްއޯ، ބީބީސީ، އަލްޖަޒީރާ، ސީއެންއެން، އެޗްޕީއޭ