ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ރޯގާ، ކޮރޯނާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 5:00 އިން ރޭގަނޑު 8:00އާ ދެމެދު ބޭރަށް ނުކުމެއުޅުން މަނާކޮށް އިއުލާނުކުރި ކާފިއު، ހަފްތާއަކަށް ފަހު އުވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ، މާލެ، ހުޅުމާލެ ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއުލާން ކޮށްފައިވާ ކާފިއު މިއަދު ހަވީރު 5 ން ފެށިގެން އުވާލާފައިވާ ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ، ކާފިއު އުވާލިކަމުގައި ވީ ނަމަވެސް، ގައިދުރުކުރުކަމަށް ސަމާލު ވުމަށާއި، މާލެއާއި ވިލިމާލެއާއި އަދި ހުޅުމާލޭގައި ވެސް އެއް ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި ޖަމާވެއުޅުން އަދިވެސް މަނާ ކަމަށެވެ.

މީގެ އިތުރުން، މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރު ކުރުމަށްޓަކައި މާލޭގެ ލޯކަލް މާރުކޭޓުތަކާއި ސުޕާ މާކެޓްތަކާއި ފިހާރަތަކާއި އޮފީސްތަކާއި ބޭންކުތަކާއި އެހެނިހެން ގޮތްގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިދު ކުރުމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލި ނަމަވެސް އަދިވެސް، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުއްޓާލައިފައެވެ. މީގެ އިތުރުން، ސަރުކާރު އޮފީސްތަކާއި މިސްކިތްތަކާއި ސްކޫލްތައް ހުޅުވާނޭ ދުވަހެއް އިއުލާނެއް ނުކުރެއެވެ. އަދި ކެފޭ ތަކާއި ރެސްޓޯރަންޓްތައް ހުޅުވުމާ މެދުވެސް އަދި ވަކިގޮތަކަށް ނާންގައެވެ.