ރާއެްޖޭގައި ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން، މާރޗް 12 ދުވަހު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު"ގެ ދަށުން، މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން 24 ގަޑިއިރަށް މަނާކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 15 އޭޕްރީލް ދުވަހުގެ 2:30 އިން ފެށިގެން 24 ގަޑިއިރުވަންދެން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކަމަށެވެ. އަދި މާލެ، ހުޅުމާލެ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ޚިދުމަތްތައް ހުއްޓައިލުމަށާއި، މާލެ ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައިފޭބުން ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.

މީގެ އިތުރުން، އެޗްޕީއޭގެ އެންގުންތަކަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުންދީ، އެންގުމާއެއްގޮތަށް އަމަލުކުރުމަށާއި، މިފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި އެންގުމުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލަންސް، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް އަދި އެންއީއޯސީގެ ފާސް ލިބިފައިވާ މީޑިއާތައް ހިމެނެއެވެ.