މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ބޮޑުރޯގާ، ކޮވިޑް19އާ ގުޅިގެން، ގްރޭޓަރ މާލެ ސަރަހައްދު 24 ގަޑިއިރުގެ ފުރަބަންދަކަށް ގޮސްފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފިއެވެ.
ގައުމީ އެއަރލައިން، މޯލްޑިވިއަނުން ބުނީ، މާލެ ސަރަހައްދު ފުރަބަންދުކޮށްފައި ވާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަކިގޮތެއް އަންގަންދެން، އެ އެއަރލައިންގެ އެތެރޭގެ އުދުހުންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ އަމިއްލަ އެއަރލައިނެއް ކަމަށްވާ މަންޓާއިން ވެސް ވަނީ، އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން އެ އެއަރލައިންގެ އުދުހުންތައްވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މާލެ ސިޓީ ލޮކްޑައުންކުރުމާ ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.
މާލެ ސަރަހައްދުގައި ފުރަބަންދު އިއުލާނުކުރީ، މާލެ ސިޓީގައި ދިރިއުޅޭ ދިވެއްސަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، އޭނާއާ ދިމާވެ، ބައްދަލުވެފައިވާ ފަރާތްތައް ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅާން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށެވެ.
ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު މުޅި ދުނިޔެއަށް ބަލާއިރު، 2 މިލިއަނަށް އަރައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 130،000އަށް ވުރެ އިތުރެވެ. ރާއްޖޭން މިހާތަނަށް 21 މީހަކު ކޮވިޑަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭން 16 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.