މާލެ ސިޓީން އަނެއްކާވެސް ދިވެއްސަކު ކޮވިޑް19އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، މާލޭން ދެވަނައަށް ކޮރޯނާއަށް ފައްސިވި މީހާއަކީ، މިއަދު، އިއުލާނުކުރި ފުރަތަމައަށް ފައްސިވި މީހާއާ "ޑައިރެކްޓް ކޮންޓެކްޓް" މީހެއް ކަމަށެވެ.

މިހާރު އެމީހާ ހުރީ ކަރަންޓީނުކޮށްފައި ކަމަށާއި، މިއީ މިހާތަނަށް ރާއްޖޭން ކޮވިޑަށް ފައްސިވި ދިވެހި ހަތްވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ދޭކަށް އަރާފައިވާއިރު، މިހާތަނަށް ޖުމުލަ އަދަދު 22 ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 7 ދިވެހީންނާއި 15 ބިދޭސީންނެވެ. އަދި މީގެ ތެރޭން ބަލީން ރަނގަޅުވީ މީހުންގެ އަދަދު 16އަށް އަރާފައި ވާކަމަށާއި އެކަހެރިކޮށްފައިވާ މީހުންގެ ޖުމުލަ އަދަދު 966އަށް އަރައެވެ.

ހަލުއިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންއަންނަ ނުރައްކާތެރި ބޮޑު ރޯގާ، ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު މުޅި ދުނިޔެއަށް ބަލާއިރު، 2 މިލިއަނަށް އަރައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 130،000އަށް ވުރެ އިތުރެވެ.