ރާއްޖޭގައި ކޮވިޑް19 ފެތުރުން ހުއްޓުވުމާއި، މި ނުރައްކާތެރި ރޯގާއިން ސަލާމަތްވުމަށްޓަކައި، ރައްކާތެރިކަމުގެ ގޮތުން މިއަދު ފުރަމާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ 24 ގަޑިއިރުގެ ފުރަބަންދުގެ ވަގުތުތަކުގައި ޒަރޫރީ ބޭނުމެއްގައި ނޫންގޮތްގޮތުން މަގުމައްޗަށް ނުކުމެ އުޅޭ ފަރާތްތައް 14 ދުވަހަށް އެކަހެރިކުރާން ޖެހިދާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިފަދަ ހާލަތެއްގައި ކަމާބެހޭ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން އަޅާ މިފަދަ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެންގުންތަކަށް ތަބާނުވާމީހުން ޖޫރިމަނާކުރުމާއި އަދި އޭގެ އިތުރުން، އެފަދަ ފަރާތްތައް އެކަހެރިކޮށް ބަހައްޓާން ޖެހިއްޖެ ހާލަތެއްގައި 14 ދުވަހަށް އެކަހެރިވެސް ކުރާނޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން، މާރޗް 12 ވަނަ ދުވަހު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު"ގެ ދަށުން، މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން 24 މިމަހުގެ ކުރީކޮޅުގައި ވެސް ވަނީ މަނާކޮށްފައެވެ. އެގޮތުން، އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 5:00އިން ފެށިގެން، ކޮރޯނާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 5:00 އިން ރޭގަނޑު 8:00އާ ދެމެދު ބޭރަށް ނުކުމެއުޅުން މަނާކޮށް އިއުލާނުކުރި ކާފިއު، ހަފްތާއަކަށް ފަހު އުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.