ކޮވިޑް19އާ ގުޅިގެން، ފުރަމާލެ ސަރަހައްދުގައި މިހާރު އިއުލާނުކޮށްފައިވާ ފުރަބަންދާ ގުޅިގެން، ޒަރޫރީ ބޭނުމެއްގައި ނޫންގޮތެއްގައި މީހުން މަގުމައްޗަށް ނުކުމެއުޅުން 24 ގަޑިއިރަށް މަނާކޮށްފައިވާ އިރު، ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަށް ޖެހިއްޖެ ހާލަތެއްގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނަންބަރު 3034444އަށް ގުޅައި އިރުޝާދު ހޯދުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ފުރަބަންދު ވަގުތުތަކުގައި ކާބޯތަކެތީގެ ޚިދުމަތް ދިނުމާއި، ޑެލިވަރީގެ ޚިދުމަތް ދިނުމާއި އަދި އެނޫންވެސް ތަފާތު ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުންނާން ޖެހޭ ފަރާތްތަކުން، 3034444އަށް ގުޅައި، ދުރާލައި ހުއްދަ ނަގާން ޖެހޭނޭ ކަމަށެވެ. ނަމަވެސް އެންމެ ނަންބަރަކަށް މިފަދަ ހާލަތެއްގައި އެތަކެއް ހާސް ރައްޔިތުން ގުޅާން ޖެހުމުގެ ސަބަބުން، މިނަންބަރަށް ނުގުޅޭކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކުރަމުންނެވެ.

ބުދަ ދުވަހުގެ މެންދުރުފަހު، ސިއްހަތާބެހޭ ވަޒީރު އަބްދުﷲ އަމީން ވަނީ، އަމިއްލަ ގެއިން ނޫން ގޮތަކަށް ކެއުމުގެ އިންތިޒާމުތައް ހަމަޖެހިފައިނުވާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތްތަކާއި އަދި ޒަރޫރީ ހާލަތްތަކުގައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އިންތިޒާމުތައް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި، ހުރި ލޭބަރކުއާޓަރ ތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބިދޭސީން ތިބީ ފުރަބަންދު އިއުލާނުކުރި އިރުއްސުރެން މިހާތަނާ ޖެހެންދެންވެސް ކެވޭނެ ގޮތެއް ނެތިފައިކަމަށާއި އެފަރާތްތަކަށް ކެއުމާއި އަދިވެސް އެފަދަ ޒަރޫރީ ބޭނުންތަކުގެ އިންތިޒާމް ހަމަޖެއްސޭނޭ ގޮތެއް ނެތިފައިވާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެ މީހުންނަކީ، ތަންތަނަށް ލާރިދީގެން ކާތަކެތި އެމީހުން ދިރިއުޅޭ ތަނަށް ގެންނަ މީހުން ކަމަށާއި ނަމަވެސް މި ޚިދުމަތުން މަހުރޫމުވެ އެތަކެއްހާސް ބިދޭސީ މަސައްތަތްތެރީ ވަރަށް ހިތްދަތި ކަމުގައި ތިބިކަމަށް ބުނެ، މިފަދަ މީހުން ގެންގުޅޭ ރާއްޖޭގެ ވަރަށް ގިނަ ކުންފުނިތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާގުޅޭ ގޮތުން 247އިން ކުރި ސުވާލަށް އަދި މިހާތަނަށް ފުލުހުންގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

އާންމު ރައްޔިތުންނަށް މިދަނޑިވަޅުގައި ގޭގައި ތިބެގެން ވިޔަފާރިކުރުމަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ސަރުކާރާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ވަނީ އޮންލައިން ކޮށް ތަކެތި ގަނެވޭނެ އެޕެއްވެސް ތައާރަފްކޮށްފައެވެ. "ފަސޭހަ ގުޅުން" ގެ ނަމުގައި ތައާރަފް ކޮށްފައިވާ އެ އެޕުން ތަކެތި އޮންލައިންކޮށް ގަތުމުގެ އިތުރުން ކޮންމެ ގަޑިއެއްގައިވެސް "ފުޑް ޑެލިވަރީ" ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.