މިހާރު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ރޯގާ ބަލިމަޑުކަން، "ކޮވިޑް19"، ރާއްޖޭގައި ކޮންޓްރޯލްކުރުމުގެ ގޮތުން، ޒަރޫރީ ހާލަތެއްގައި މެނުވީ ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެއްރަށުން އަނެއް ރަށް ދަތުރުކުރުން، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން މަނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މާލޭން ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ މީހަކު ފެނުމާ ގުޅިގެން އެޗްޕީއޭއިން މިހާރުވެސް ވަނީ، ގްރޭޓަރ މާލެ ސަރަހައްދު، 48 ގަޑިއިރަށް ފުރަބަންދުކޮށްފައެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 17 އޭޕްރީލް 2020 ދުވަހުގެ ހަވީރު 6:00އިން ފެށިގެން މާލެ ސަރަހައްދަު (މާލެ، ހުޅުމާލެ، އަދި ވިލިމާލެ) ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށެެއްގައި، ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށެވެ.

  1. ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.

  2. މި އެންގުމުގެ 1 ވަނަ ނަމްބަރުގައި ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.

  3. ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއުޅުން ހުއްޓައިލުން. ވަކިން ޚާއްސަކޮށް، ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓާލުން.

  4. ބަލިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުން.

  5. ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުން.

އެޗްޕީއޭގެ ބަޔާނުގައި ބުނީ، މަތީގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، އެކަމަނާ އަންގާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެކަމަށެވެ.