މާލޭން ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ މީހަކު ފެނުމާ ގުޅިގެން އެޗްޕީއޭއިން ގްރޭޓަރ މާލެ ސަރަހައްދު، 48 ގަޑިއިރަށް ފުރަބަންދުކޮށްފައި އޮތް އޮތުން އިތުރު 14 ދުވަހަށް ދިގުދަންމާލައިފިއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން، މާރޗް 12 ދުވަހު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު"ގެ ދަށުން، މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މާނާކުރިކަން އަންގައި އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މިހިނދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކަމަށެވެ.

އަދި މާލެ، ހުޅުމާލެ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ޚިދުމަތްތައް ހުއްޓައިލުމަށާއި، މާލެ ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައިފޭބުން ހުއްޓައިލުމަށް ނިންމައި އެކަން އަންގާ ކަމަށެވެ.

މިއަދު އެޗްޕީއޭއިން ނެރުނު އެންގުމުގައި ވަނީ، މަތީގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، އެކަމަނާ އަންގާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެކަމަށެވެ. އަދި އެޗްޕީއޭގެ އެންގުންތަކަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުންދީ، އެންގުމާއެއްގޮތަށް އަމަލުކުރުމަށާއި، މިފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.