ރާއްޖޭން ކޮވިޑް ނަވާރައަށް ފައްސިވި މީހުގެ ޖުމުލަ 35އަށް އަރައިފިއެވެ. އޭގެ ތެރޭން 15 މީހުންނަކީ، ވެރިކަން ކުރާ މާލެ ސިޓީން ކޮވިޑަށް ފައްސިވި މީހުންނެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް ނަވާރައަށް ފައްސިވި 35 ވަނަ މީހާ، އެކަހެރިކުރުމުގެ މަސައްކަތާއި، އެ ކޭހާ ގުޅުންހުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭން މިހާތަނަށް 15 މީހަކު ކޮވިޑް ނަވާރައަށް ފައްސިވެފައިވާ އިރު އޭގެ ތޭރެގައި ހިމެނެނީ، 7 އަންހެނަކާއި 5 ފިރިހެނަކާއި 3 ކުޑަކުދީންނެވެ. މީގެ ތެރޭގައި ހިމެނެނީ 14 ދިވެހީންނާއި ބަނގުލަދޭޝްގެ ރައްޔިތެކެވެ.

މާލޭން ކޮވިޑް ނަވާރައަށް ފައްސިވި ފުރަތަމަ ކޭސް ފެންމަތިވީ، މިދިޔަ ބުދަދުވަހުއެވެ. އެއީ ރާއްޖޭން 21 ވަނައަށް ކޮވިޑަށް ފައްސިވި މީހާއެވެ.

ކޮވިޑް ނަވާރަ ހަލުއިކަމާއެކު ރާއްޖޭގައި ފެތުރުމުގެ ބިރު އޮތްއިރު، ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ، މި ބަލި ފެތުރުމާއި އަދި ބަލިން ރައްކާތެރިވުމަށް މިހާތަނަށް ހޯދިފައިވާ ހަމައެކަނި ފަރުވާ، ކަމަށްވާ ގައިދުރުކަން އިހްތިޔާރުކޮށް، އެންމެހައި ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަމުންނެވެ.