ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގެ ފަރާތުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި، ނޫސްވެރިއަކު ސުވާލުކުރުމުގައި ބޭނުންކުރި ބަހެއްގެ ސަބަބުން، ނޫސްވެރީން އެކްރެޑިޓް ކުރާން ނިންމާފައިވާ ކަމަށް، ނޫސްވެރީންގެ ބަލަދުވެރިފަރާތް ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، "ރަސްއޮންލައިން" ކިޔާ އޮންލައިން ނޫހެއްގެ ފަރާތުން ސުވާލުކުރި ނޫސްވެރިޔާ ވަނީ، "ބަންގާޅީން" މިބަސް ބޭނުންކޮށްގެން ސުވާލެއް ކުރާން މަސައްކަތްކޮށްފައެވެ. ނަމަވެސް، އެވަގުތު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބުދާރީވެލައްވަން ތިއްބެވި ދެބޭފުޅުންގެ ތެރޭން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަނީ ނޫސްވެރިޔާ ވަގުތުން ހުއްޓުވައިފަައެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންނަކީވެސް އިންސާނުން ކަން ހަނދުމަކޮށް އިހްތިރާމާއެކު ވާހަކަ ދެއްކުމަށް ޑރ. ނަޒުލާ އެދިވަޑައިގަތެވެ.

"އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން ސުވާލުކުރާއިރު ހުރިހާ އެންމެންނަކީ ވެސް އިންސާނުން، އެ މީހުންނަށް އެ ދޭންވާ ރެސްޕެކްޓާ އެއްކޮށްހެން އަޅުގަނޑުމެން އެންމެންގެ ވެސް ބަހުރުވަ ހުންނަންވާނީ،" އެ ނޫސްވެރިޔާއަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމްއެމްސީން ވަނީ، ރަސްއޮންލައިންގެ ނޫސްވެރިޔާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށް ބުނެފައެވެ. އަދި އެ ނޫހުގެ ފަރާތުން އެކަމަށް މައާފަށް އެދުމަށް އަންގާނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

"ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ކަމުގައި މި ކައުންސިލުން ނުދެކެމެވެ. އެހެންކަމުން ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި މި ކައުންސިލްގެ ރޫހު ހުރީއެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުމެވެ. އަދި ރަސް އޮންލައިންގެ ނޫސްވެރިޔާ އާއި އެޑިޓަރު އެކަމަށް މައާފަށް އެދުމަށްވެސް މި ކައުންސިލުން އަންގާނެއެވެ." މީޑިއާ ކައުންސިލުން ކުރި ޓްވީޓެއްގައި ވެއެވެ.

އެއްވެސް މީހަކަށް ކުޑައިމީސްވާގޮތަށް، ނުވަތަ ބޭއިހުތިރާމް ކުރެވޭ ގޮތަށް، ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ކޮށްގެން ވާނޭ ކަމެއްވެސް ނޫނެވެ. އަދި އެފަދައިން މީޑިއާ ތަކުން އަމަލުކުރަމުން ދާނަމަ، ހަމަހަމަކަމާއެކު ފިޔަވަޅު އަޅައި، މީޑިއާތައް ޒިންމާދާރުކުރުވުމަކީ މީޑިއާ ކައުންސިލްގެ ޒިންމާއެކެވެ.

ނަމަވެސް، މީޑިއާ ކައުންސިލުގެ މި ނިންމުމާ ގުޅިގެން، މީސްމީޑިއާގައި، ކުރީގެ ބައެއް ނޫސްވެރީންނާއި އަދި ބަހުގެ ބޭފުޅުން ދަނީ ތަފާތު ގޮތްތޮގަށް ޚިޔާލު ފާޅުކުރަމުންނެވެ. އެގޮތުން، "ދިވެހިރާއްޖޭގެ ރައްޔިތުންނަށް "ދިވެހީން" ޓެމިލްނާޑޫއަށް ނިސްބަތްވާ މީހުންނަށް "ތަމަޅައިން" ޕަންޖާބު ސްޓޭޓަށް ނިސްބަތްވާ މީހުންނަށް "ޕަންޖާބީން" އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް އައްޑޫމީހުންނޭ ކިޔާ ފަދައިން ބަންގާޅު ރައްޔިތުންނަށް ނުވަތަ މީހުންނަށް، "ބަންގާޅީން" ކިޔުން އެއީ ބޭއަދަބީ ނުވަތަ އިހްތިރާމް ކުޑަކުރުމުގެ ބަހެއްތޯ ސުވާލުއުފައްދަވައިވެއެވެ. އަދި ބަހެއްގައި ހިފައި ދެމުމުގެ ބަދަލުގައި، ޑރ. ނަޒްލާ ވިދާޅުވިފަދައިން، ރާއްޖޭގައި ޒަމާންތަކެއް ވަންދެން ބިދޭސީންނާ ދޭތެރޭގައި އިހާނެތިކޮށް އަމަލުކުރަމުންދާ ދިއުން ހުއްޓުވައި، މިކަންކަމަށް އަމަލީ ގޮތުން މަސައްކަތްކޮށް، މައްސަލަތައް ހައްލުކުރުމަށް ގޮވާލައި ޚިޔާލު ފާޅުކޮށްފައި ވެއެވެ.

މީގެ ކުރީން، ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގައި ވެސް ނޫސްވެރީން އެކްރެޑިޓްކުރުމަށް އޭރުގެ ހޯމް މިނިސްޓްރީން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް، އޭރުވެސް ނޫސްވެރީންނާއި، ރާއްޖޭގެ ބޮޑެތި މީޑިއާ ތަކުންނާއި އަދި އޭރު އިދިކޮޅުގައި މަސައްކަތް ކުރެއްވި ސިޔާސީ ފަރާތްތަކުންވެސް ވަނީ، ރާއްޖެ ފަދަ، ވަރަށް ބުރަ މަސައްކަތުން ނޫސްވެރިކަން ކުރަމުން އަންނަ ތަނެއްގައި، މިގޮތަށް ނޫސްވެރީން އެކްރެޑިޓްކޮށް ހަދާ ނަމަ، ނޫސްވެރިކަން ވަޅުޖެހި، މިނިވަން ނޫސްވެރިކަމެއް ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނޭކަން ފާހަގަކޮށް އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ.