ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއަދަކީ ބަރަކާތްތެރި ރަމަޟާން (ރޯދަ) މަހުގެ ފުރަތަމަ ދުވަހެވެ. މިއީ ހެޔޮކަމުގެ މައްސަރެވެ. އެފަދަ މާތްވެގެންވީ ދެވަނައެއް ނެތް، ބޮޑު ރެއެއް އެކުލެވިގެންވާ މައްސަރެވެ. ނަމަވެސް މިފަހަރު ރަމަޟާންމަސް އަޅުގަނޑުމެންނާ ކުރިމަތިވީ، މުޅިދުނިޔެ ރޯގާ ބަލިމަޑުކަމެއްގެ ބިރުވެރިކަން ތަޙައްމަލުކުރަމުން ދާ ދަނޑިވަޅެއްގައެވެ. ކޮރޯނާވައިރަސް ނުވަތަ ކޮވިޑް ނަވާރަގެ ސަބަބުން، އަޅުގަނޑުމެންގެ މި ރާއްޖެވެސް މިވަނީ ފުރަބަންދެއްގެ ތެރޭގައެވެ. ރައްޔިތުން މިވަނީ، ދަތި އުނދަގޫ އިމްތިހާނެއްގެ ތެރޭގައެވެ. އެހެން ނަމަވެސް، ރަމަޟާން މަހުގެ ޘަވާބާއި ދަރުމައިން އެންމެ މިންވަރެއްވެސް މަދެއް ނުވެއެވެ. ވަރުގަދަ އަގީދާއަކާއެކު ދެތުވެރި ނިޔަތަކާއެކު އެ ދަރުމައާއި ޘަވާބަށް އެދި ކުރިމަތި ލާ މީހާއަށެވެ. އެހެންކަމުން ތިޔަ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރަށް މަރުހަބާއާއި ތަހުނިޔާ ކިޔަމަވެ. އަދި މި މައްސަރުގެ އެންމެ ފުރިހަމަ ޘަވާބާއި ދަރުމައަށް އެދި ދުޢާކުރަމެވެ.

އަހަރެމެންގެ މައްޗަށް ރޯދަ ފަރުޟުކުރައްވައި، ﷲ سُبْحَانَهُ وَ تَعَالَى ވަހީކުރެއްވިއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަ ބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަގުވާވެރި ވުމަށްޓަކައެވެ."

އެހެންކަމުން ޝައްކެއްވެސް ނެތްގޮތުގައި މި މައްސަރުގެ އެންމެ ބޮޑު ބޭނުމަކީ، އަހަރެމެންގެ ކިބައިގައި ތަގުވާގެ މާތް ސިފަ އަށަގެންނެވުމެވެ. އަދި ﷲގެ ރުހިވޮޑިގަތުމާއި ލޯބި ޙާސިލްކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

އަބޫ ހުރައިރާ (رضي الله عنه)ގެ އަރިހުން ރިވާކުރެއްވި ޤުދުސީ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.

"މާތް ﷲ ވަހީކުރެއްވިއެވެ. ރޯދަ ފިޔަވައި އާދަމުގެ ދަރިޔާ ކުރާ ކޮންމެ ކަމެއްގެ ޘަވާބާއި ދަރުމަ ވަނީ އޭނާގެ އަމިއްލަ ނަފުސައްޓަކައެވެ. ރޯދައަކީ ތިމަން އިލާހަށް ޚާއްސަކުރެވިގެންވާ އަޅުކަމެކެވެ. އެ ރޯދައަށް ޖަޒާދެއްވާނީ ޚުދު ތިމަން އިލާހެވެ. ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހެއް ނަމަ، ހަޑިހުތުރު ވާހަކަދެއްކުމާއި އަޑުގަދަކުރުމުން ދުރުހެލިވާހުށި ކަމެވެ. އަދި މީހަކު ބަދުބަސްބުނެ އަރައިރުން ވެއްޖެ ނަމަ، ތިމަން މިހުރީ ރޯދައަށޭ ބުނާ ހުށިކަމެވެ. ﷲ ގަންދީ ވިދާޅުވަމެވެ. ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲ سُبْحَانَهُ وَ تَعَالَىގެ ހަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ ވަސްމީރުކަން ބޮޑެވެ. ރޯދަވެރިޔާ އުފާވާނެ ދެވަގުތެއް ވެއެވެ. އެއީ އޭނާ ރޯދަވީއްލާ ވަގުތުގައްޔާއި، އޭނާގެ ވެރިއިލާހާ ބައްދަލުވާ ހިނދުގައެވެ."

އެހެންކަމުން މިފަދަ މާތް މައްސަރެއްގެ ފުރިހަމަ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް، "ފުކެއްވެސް ދޫނުކުރާނަމޭ" ބުނެ އަޒުމު ކަނޑައަޅާން ޖެހެއެވެ. އަދި އެކަން ފުރިހަމަ ގޮތުގައި އަމަލުން ސާބިތުކޮށްދޭން ޖެހެއެވެ. މިއީ އެ މައްސަރެއްގައި 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް (ލައިލަތުލް ޤަދްރި) ﷲ سُبْحَانَهُ وَ تَعَالَى ލެއްވި މައްސަރެވެ. މާތްވެގެންވާ ކީރިތި ޤުރުއާން ބާވާތްލެއްވި މަތިވެރި މައްސަރެވެ.

ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އީމާންވެ ހުރެ ﷲގެ ވަޖުހަފުޅު އަދައިގެން ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަ ފުއްސަވައިދެއްވައެވެ".

އެހެންކަމަށްވާނަމަ، އިންސާނަކަށް މިއަށްވުރެ އުފާވެރިކަމެއް އޮންނާނޭތޯއެވެ. މި ބަރަކާތްތެރި މައްސަރުގެ ފުރިހަމަ ދަރުމައާއައި ޘަވާބު ހޯދުމަށް ކަމަރު ބަނދެ، އެންމެ ފުރިހަމަ ޖޯޝާއެކު އަޅުކަމާއި އެހެނިހެން މަސައްކަތުގައި ވަގުތުތައް ހޭދަކުރާށެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާނުގައި ބަހައްޓައިގެނެވެ. އާޚިރަތުގެ ދާއިމީ ގޯއްޗަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ވާސިލުވުމަށްޓަކައެވެ.

ކޮވިޑް ނަވާރައިގެ ފުރަބަންދާއެކު، މިސްކިތަށް ނުދެވުމުގެ ހިތްދަތިކަން އަޅުގަނޑުމެންގެ ކޮންމެ މުސްލިމެއްގެ ހިތުގައި ވެސް އަސަރާއެކު ވިންދުޖަހާނެއެވެ. އެހެން ނަމަވެސް، ގޭގައި ނަމާދުކުރުމަކުން އަޅުގަނޑުމެންނަށް މިންވަރުކުރައްވަފައިވާ ޘަވާބާއި ދަރުމައިން ހަމަ އެންމެ މިންވަރެއްވެސް އުނިނުވާނޭކަމުގެ ޔަގީންކަން ހިތުގައި ބާއްވަން ޖެހެއެވެ. ހާލަތާއެކު އުޅެން ދަސްކުރާންވީއެވެ. ތިމާގެ އަމިއްލަ ގޭގައި ނުވަތަ، މިވަގުތު ފުރަބަންދުގައި ހުންނާޖެހިފައިވާ ކޮންމެ ތަނެއްގައި ހުރެގެންވެސް މި މާތް މައްސަރުގެ ފުރިހަމަ ޘަވާބާއި ދަރުމައަށް މަސައްކަތްކުރާންވީއެވެ. މި މައްސަރުގެ ކޮންމެ ވަގުތު ކޮޅަކީވެސް ހެޔޮގޮތުގައި ބޭނުންކުރާ ވަގުތުކޮޅަކަށް ހަދާށެވެ. ކީރިތި ޤުރުއާން ކިޔެވުން އިތުރުކުރުމާއި، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމާއި، ސުންނަތް އަޅުކަންތައްވެސް ގިނަ ކުރާންވީއެވެ. މި ނުރައްކާތެރި ހާލަތުން މިންޖުކުރައްވާތޯ ދުޢާކުރާން މިއަށްވުރެ ފުރިހަމަ ވަގުތެއް ކޮބައިތޯއެވެ. އެހެންކަމުން ގިނަގިނައިން ﷲ ހަނދުމަކޮށް ކޮވިޑް ނަވާރައިގެ ވަބާއިން އަޅަމެން މިންޖުކުރައްވާތޯ ދުޢާކުރާންވީއެވެ.

އަދިވެސް އެއްފަހަރު މި ބަރަކާތްތެރި މައްސަރުގެ ހެޔޮ ދުއާއާ ތަހުނިޔާ 247ގެ ކިޔުންތެރީންނަށް ފޮނުވަމެވެ. އުންމީދަކީ ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންވެސް މި މައްސަރުގެ ފުރިހަމަ ހެޔޮ ޘަވާބާއި ދަރުމަ ހޯދުމެވެ. ފުރަބަންދާއި އިޖްތިމާއީ، އަދި ޖިސްމާނީ ގައިދުރުކަމާ އެކުވެސް، ޢާއިލީ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އިޖްތިމާޢީ އެއްބައިވަންތަކަން ރަނގަޅުގޮތުގައި ވަރުގަދަކުރާންވީއެވެ. ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. ކޮވިޑް ނަވާރައިން ރައްކާތެރިވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާށެވެ. ގައިދުރުކަމާއި، ސައިބޯނިލައިގެން ރަނގަޅަށް، ގިނަގިނައިން އަތްދޮވުމާއި، ޚާއްސަކޮށް ގޭގައި ތިއްބެވުމަށް ސަމާލުވާށެވެ، ކަމާގުޅޭ މާހިރުންނާއި މުއައްސަސާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރާށެވެ.