ކޮވިޑް ނަވާރައާ ގުޅިގެން، މާލެ ސަރަހައްދުގައި މިހާރު އިއުލާނުކޮށްފައިވާ ފުރަބަންދުގެ ދުވަސްވަރުގައި، ޑެލިވަރީގެ ޚިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ، ހުއްދަތައް ބާތިލްކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، ޑެލިވަރީ ކުރުމަށްޓަކައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް މާދަމާ، 12:00އިން ފެށިގެން 48 ގަޑިއިރުތެރޭގައި ހަމަވާނޭ ކަމަށެވެ.

ކޮވިޑާ ގުޅިގެން ދޫކޮށްފައިވާ ހުއްދަތައް ބާތިލްކުރަން ނިންމީ، އެ ހުއްދަތައް އެކަށީގެންވާ ގޮތަށް ބޭނުން ނުކުރާތީ ކަމަށާއި، އަދި ހުއްދަތައް ބާތިލްކުރުމަށް ފަހު، ކުރިންވެސް އެދުނު ގޮތަށް އަލުން ހުއްދަ ހޯދަން އެދުމުން ހުއްދަ ދޫކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑެލިވަރީކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރާން ފުލުހުން ނިންމާފައި މިވަނީ، ބައެއް ކަންމަތީ ފިހާރަތަކުން މިފަދަ ހުއްދަތައް ނެގުމަށް ފަހު، ފިހާރަތައް އެއްވެސް ވަރަކަށް ނުހުޅުވާ ކަމުގެ ޝަކުވާއާއި އަދި، ޑެލިވަރީ ފާސްތައް ބޭނުންކޮށްގެން އެހެން ބޭނުންތަކުގައި ބޭރުގައި އުޅުމަށް އެ ފާސްތައް ބޭނުންކުރާ ކަމުގެ ޝަކުވާގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ފުލުހުން ބުނީ، އަލުން ދޫކުރާ ޑެލިވަރީ ފާސްތައް ހަދާފައި ހުންނާނީ، ސެކިއުރިޓީ ފީޗަރސްތަކާ އެކު ކަމަށާއި އެގޮތުން ފާހުގައި ހިމެނޭ ކިއުއާރުކޯޑު ބޭނުންކޮށްގެން، އެ ފާސް ބޭނުންކުރަނީ ރަނގަޅު ސަރަހައްދުގައި، އަދި ދޫކުރެވިފައިވާ ބޭނުމަށްތޯ، ޑިއުޓީގައި އުޅޭ ފުލުހުންނަށް ވަރަށް ފަސޭހައިން ބަލައިލެވޭނޭ ކަމަށެވެ.