މާލޭން ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ މީހަކު ފެނުމާ ގުޅިގެން އެޗްޕީއޭއިން ގްރޭޓަރ މާލެ ސަރަހައްދު، 14 ދުވަހަށް ފުރަބަންދުކޮށްފައި އޮތް އޮތުން އިތުރު 14 ދުވަހަށް ދިގުދަންމާލައިފިއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން، މާރޗް 12 ދުވަހު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު"ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ފުރަތަމަ މަނާކުރީ، މި މަހުގެ 15 ވަނަ ދުވަހު، 48 ގަޑިއިރަށެވެ. އަދި އޭގެ ފަހުން، އޭޕްރީލް 17 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ، 14 ދުވަހަށް މާލެ ސަރަހައްދު ފުރަބަންދުކޮށްފައެވެ. އެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

އެޗްޕީއޭއިން ބުނީ، މިހާރު އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަލު މާދަމައިން ފެށިގެން އަނެއްކާވެސް 14 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް ނަވާރައަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ، 278އަށް އަރައިފައެވެ. އޭގެ ތެރޭން 17 މީހަކު މިހާތަނަށް ރަނގަޅުވެފައިވާއިރު، މިއަދު އެކަނިވެސް ރާއްޖޭން މިބައްޔަށް 28 މީހަކު ވަނީ ފައްސިވެފައެވެ. މިހާތަނަށް ދިވެހީންގެ ތެރޭން ކޮވިޑް ނަވާރައަށް ފައްސިވި މީހުންގެ އަދަދު، މިވަނީ 126އަށް އަރައިފައެވެ.