ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ރޯގާގެ ވަބާ، ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް ރާއްޖޭން މީހަކު ނިޔާވެއްޖެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން، ރާއްޖޭގެ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ އަމީން ވިދާޅުވީ، ނިޔާވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ، 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ނިޔާވެފައިވާ މީހާގެ ނަމަކީ އާމިނަތު އާދަމް ކަމަށާއި އަދި މިއީ، ރާއްޖޭން ކޮވިޑް ޖެހިގެން ކޮންޓެކްޓް ޓްރޭސިންގ ބަލަމުން ދިޔައިރު، 126 ވަނަ ކޭހާ ގުޅުން ހުރި މީހެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަންހެން މީހާ ނިޔާވެފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ނިޔާވިއިރު އަދި އޭނާ ކޮވިޑަށް ފައްސިވިކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. ވަޒީރު ވިދާޅުވީ، އޭނާގެ ސާމްޕަލް ނަގާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި، ނަމަވެސް ނިޔާވި އިރު އަދި ނަތީޖާ ނުލިބޭ ކަމަށެވެ.

ކޮވިޑް ނަވާރައިގައި ފުރަތަމަ ފަހަރަށް ރާއްޖޭން މީހަކު ނިޔާވެފައިވާ އިރު، އޭނާ ހިނެވުމުގެ ކަންތަކުގައި ހަރަކާތްތެރިވާނީ، ސިފައިންގެ ކަންބަލުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް ނަވާރައަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 280އަށް އަރައިފައެވެ. އޭގެ ތެރޭން 17 މީހަކު މިހާތަނަށް ރަނގަޅުވެފައިވެއެވެ.

ކޮވިޑް ނަވާރަ ޖެހިގެން، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ވެސް 5 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހީންނާއި ބިދޭސީއެއް ކަމަށްވެއެވެ.