މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި އ.ދގެ އަމީންޢާއްމު ވިދާޅުވި ފަދައިން ނޫސްވެރީންނަކީ އެނގި ތިބެ ކަންކަން ނިންމުމުގެ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ މީހުންނެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތި ވަމުން ދާ ތަފާތު އެކިއެކި ހާލަތްތަކުގައި ވެސް ދެން އަޅާން ވީ ކޮން ފިޔަވަޅެއް ތޯ ކަނޑައެޅުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ ނޫސްވެރީން ފޯރުކޮށްދޭ މައުލޫމާތު ކަން ކަށަވަރެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ނޫސްވެރިކަމަކީ ކޮންމެ މުޖުތަމައެއްގައި ވެސް ހިނގާނުހިނގާ ކަންކަމާއި އެ މުޖުތަމައަކަށް މުހިއްމު ކަންކަމުގެ މައުލޫމާތު އެ މުޖުތަމައުގެ އަފްރާދުންނަށް އަދާހަމަކޮށް ދިނުމުގެ އެންމެ މުހިއްމު މަސައްކަތެވެ. ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ހަގީގަތާ އެއް ގޮތަށް ކުރެވޭ ނޫސްވެރިކަމަކުން ނޫނީ ނޫސްވެރިކަމުގެ މަގުސަދު ހާސިލެއް ނުކުރެވޭނެއެވެ. ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ހަގީގަތާ އެއްގޮތަށް ނޫސްވެރިކަން ކުރެވޭނީ މިނިވަން މާހައުލެއް ނޫސްވެރިޔާއަށް ލިބިގެންނެވެ. ބިރަކާ ނުލައި، އެއްވެސް ޖެހިލުމެއް ނެތި ނޫސްވެރިކަން ކުރެވިގެންނެވެ.

މިނިވަން ނޫސްވެރިކަމެއް ވަކި ފަރާތަކަށް ނުޖެހި ބިރަކާ ނުލައި ކުރެވޭނީ ދައުލަތުގެ އެއްބާރުލުން އެ ކަމަށް ލިބިގެންނެވެ. ހަމައެހެންމެ ވިޔަފާރިތަކާއި ނޫސްވެރިކަމަށް އިޝްތިހާރާއި އިޝްތިރާކު ދޭ ހުރިހާ ފަރާތަކުން އެއްބާރުލުން ދީގެންނެވެ.

ހަމަ އެހެންމެ ނޫސްވެރިޔާ ވެސް ވާން ޖެހޭނީ ތެދުވެރިކަމާ އެކު މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށެވެ. ހަބަރެއް ގެނެސް ދިނުމުގައި މައުލޫމާތު ހޯދުމުގެ އިތުރުން އެ މައުލޫމާތުގެ ތެދު ދޮގު ބެލުމަކީ ނޫސްވެރިޔާ ކުރާން ޖެހޭ ކަމެކެވެ. އެ މައުލޫމާތު ލިބުނީ ކިހާ އިތުބާރު ހުރި ފަރާތަކުން ތޯ ބަލާން ޖެހެއެވެ. އެ މައުލޫމާތަކީ ކިހާ އިތުބާރު ހުރި މައުލޫމާތެއް ތޯ ބަލާން ޖެހެއެވެ.

މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ނޫސްވެރިޔާގެ މައުލޫމާތު ވީ ވަރަކުން ވާން ޖެހޭނީ ސީދާ އޭނާގެ އަމިއްލަ ލޮލުން ދެކި އަތުން ހިފައިފައިވާ މައުލޫމާތަށެވެ. އެކަން އެ ގޮތަށް ނުކުރެވެންޏާ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުން އެ މައުލޫމާތުގެ ތެދުދޮގު ކަށަވަރު ކުރާން ޖެހެއެވެ. ޚަބަރެއްގެ ތެރޭގައި އޭނާ އަމިއްލައަށް ދެކޭ ގޮތް ނުވަތަ އަމިއްލަ ޚިޔާލު ހިމެނުމަކީ ނުވަތަ އަމިއްލަ ޚިޔާލާ އެއްގޮތަށް ޚަބަރު ބައްޓަން ކުރުމަކީ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. އަމިއްލަ ޚިޔާލު ލިޔާނީ "ކޮލަމު"ގައެވެ.

ނޫސްވެރިކަން ކުރެވޭނީ ހަގީގަތާއި ޚިޔާލު ވަކި ކުރާން އެނގިގެންނެވެ. ޚަބަރަކީ ކޮބައިކަން ވެސް އެނގިގެންނެވެ. މަޝްހޫރު ބުނުމެއް އޮވެއެވެ. މީހެއްގެ ގައިގައި ކުއްތާއެއް ދަތް އެޅި ވާހަކައަކީ ޚަބަރަކަށް ނުވިޔަސް، މީހަކު ކުއްތާއެއްގެ ގައިގައި ދަތް އަޅައިފި ނަމަ އެއީ ޚަބަރެކެވެ. އާއްމުންގެ މީހަކު ސައިހޮޓަލަކަށް ގޮސް ނާސްތާ ކުރި ވާހަކައަކީ ޚަބަރަކަށް ނުވިޔަސް، ގައުމެއްގެ ރައީސް އާދައިގެ ސައިހޮޓަލަކަށް ވަޑައިގެން ނާސްތާ ކުރެއްވި ވާހަކައަކީ ޚަބަރެކެވެ.

ފުރިހަމަ ނޫސްވެރިކަމެއް ކުރެވޭނީ މިނިވަން ވެށްޓެއް އޮވެގެން ކަން ކަށަވަރެވެ. އަދި ހަމަ އެހެންމެ ނޫސްވެރިޔާއަށް ވެސް ނޫސްވެރިކަން ކުރާން އެނގިގެންނެވެ. ވަކި ފަރާތަކަށް ވައި އެޅުވުމެއް ނެތި، ބިރަކާ ނުލައި ތެދު ހަގީގަތާ އެއްގޮތަށް އިންސާފުވެރި ނޫސްވެރިކަމެއް ކުރުމަކީ ކޮންމެ ނޫސްވެރިއެއްގެ ވެސް އަޒުމަކަށް ވެގެންނެވެ.