މިހާރު މުޅި ދުނިޔެ، އެބައްޔަކަށް ފަރުވާއެއްގެ އިންތިޒާރުގައި އޮތް، ނުރައްކާތެރި ރޯގާގެ ވަބާ، ކޮރޯނާވައިރަސް (ކޮވިޑް ނަވާރަ)އަށް ފުރަތަމަ ފަހަރަށް ވެކްސިނެއް ފައްކާކޮށް، ރަޖިސްޓްރީކޮށް، އެ ވެކްސިން ރަޝާގައި ބޭނުންކުރާން ފަށައިފިއެވެ.

ކޮރޯނާއަށް ރަޝާގައި ފައްކާކުރި ވެކްސިން ހުރިހާ ޓެސްޓް މަރުހަލާތަކެއް ފުރިހަމަކޮށްފައި ވާކަމަށާއި އަދި ޓެސްޓް މަރުހަލާތަކުގައި އެ ވެކްސިން ކާމިޔާބުކަން ފާހަގަކުރައްވައި، ރަޝާގެ ރައީސް ވުލަޑްމިއަރ ޕޫޓިން، އެގައުމުގެ ސަރުކާރުގެ ބައްދަލުވުމެއްގައި މިއަދު ވިދާޅުވީ، އެގައުމުގައި އުފެއްދި ކޮރޯނާވަރަހުގެ ވެކްސިން ކާމިޔާބުކަމަށާއި، އަދި ވެކްސިން ބޭނުންކުރާ ފަރާތްތަށް ކޮރޯނާވައިރަހުން ރައްކާތެރިވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ދެ ދަރިކަނބަލުންގެ ތެރޭން އެއް ބޭފުޅަކަށް އެ ވެކްސިން މިހާރު ދީފައިވާ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅުކަން ޕޫޓިން ފާހަގަކުރެއްވިއެވެ.

ރަޝާ ވެގެން ގޮސްފައި މިވަނީ ކޮރޯނާވައިރަހަށް ވެކްސިނެއް މިހާތަނަށް ރަޖިސްޓްރީ ކުރި ފުރަތަމަ ގައުމަށެވެ. ރަޝާގެ ކަމާގުޅުންހުރި އިދާރާތަކުން ބުނީ، ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ، ސިއްހީ ދާއިރާގެ މަސައްކަތްތެރީންނާއި، މުދައްރިސުންނާއި އެނޫންވެސް މިފަދަ ރިސްކު ގްރޫޕްތަކުގައި ތިބި ފަރާތްތަކަށް ކަމަށެވެ.

ވެކްސިނެއް ފައްކާކޮށް، ބޭނުންކުރާން ފެށުމުގެ ކުރީން، އޭގެ އެންމެ ފަހުގެ ނަތީޖާތައް ބެލުމަށް ކުރިއަށް ގެންދާ ފޭސް3 ޓްރަޔަލް ހެދުމަށް، އެތަކެއް ހާސް މީހުންނަށް ވެކްސިން ދީ، ގާތްގަނޑަކަށް ތިންވަރަކަށް މަސްދުވަހުގެ މުއްދަތަށް މި މަރުހަލާ ކުރިއަށް ގެންދާއިރު، ރަޝާއިން ވެކްސިން ރެޖިސްޓްރީ ކުރުމުގައި، މި މަރުހަލާތައް ފުރިހަމަ ނުކޮށް މިހާ އަވަސް އަރުވާލައިފައި ވާތީ އެގައުމުގެ ސައިންޓިސްޓުންނާއި އަދި ކަމުގެ މާހިރުން ވަނީ ސުވާލުތައް ކުރިމަތިކޮށްފައެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެސް ވަނީ، ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ރަޝާއަށް އިލްތިމާސްކޮށްފައެވެ.