ކޮރޯނާވައިރަސް ޖެހިގެން ރާއްޖޭން އިތުރު މީހަކު ނިޔާވެ، އެބަލީގައި ރާއްޖޭން ނިޔާވި މީހުންގެ އަދަދު 20އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާދެމުން ދިޔަ، ޢުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 12:12 ކަންހާއިރު ނިޔާވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ، އިއްޔެގެ މެދުރުފަހުގެ ވަގުތެއްގައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް ނަވާރައަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު 5100އަށް ވުރެ އިތުރުވެފައި ވާއިރު، އޭގެ ތެރޭން މިހާތަނަށް 2835 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި، ރާއްޖޭން މިހާތަނަށް ކޮވިޑް ނަވާރައަށް ޓެސްޓުކުރުމަށް 89500އަށް ވުރެ ގިނަ ސާމްޕަލް ނަގާފައި ވާއިރު، 2300އަށް ވުރެ ގިނަމީހުން އަދިވެސް މި ބަލިން ރަނގަޅު ނުވެއެވެ. މީގެ ތެރޭން، ހޮސްޕިޓަލްގައި 145 މީހަކަށް ފަރުވާދެމުން ދާއިރު، 1452 ދެމީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.