ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކުރުމަށް އެކު އެއަށް އަމަލުކުރާން ޖެހޭގޮތަށް، އިސްލާހުތައް ގެނެސްފައިވާ، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު"ގައި ބުނެފައިވާ ގޮތުން، ކުރިއަށް އޮތްތާނގައި ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނެވޭނީ އެކަމަށް، ދޫކުރާ ޚާއްސަ ކޯޓާ ލިބިގެންނެވެ. އަދި ކޯޓާއެއް ދޫކުރެވޭނީ، އަހަރަކު 2000 ރުފިޔާގެ ފީއެއް ދައްކާ ގޮތަށެވެ. ކޯޓާއަށް އެދުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށާއި، ދިވެހި ކޮންމެ ފަރުދަކަށާއި، ސަރުކާރުގެ ކޮންމެ އޮފީހަކަށާއި، ގާނޫނީ އެހެނިހެން ޝަހުސުތަކަށްވެސް އޮންނާނެއެވެ. ނަމަވެސް މިގޮތަށް ކޯޓާއަށް އެދޭ ފަރާތްތަކުން ފުރަތަމަ ކަމެއްގެ ގޮތުގައި، ސަރުކާރުން ގާއިމްކޮށްފައިވާ، "ނޭޝަނަލް ޖޮބް ސެންޓަރ-ޖޮބްޕޯޓަލް"ގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.

އަދި ކުރިން ކޯޓާ ނަގާފައިވާ ފަރާތްތަކުންވެސް، ތިން މަސްދުވަހުގެ ތެރޭގައި، އެ ކޯޓާތަކަށް ފީދައްކައި ޚަލާސްކުރާން ޖެހޭނޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މިގަވައިދުގައި ވާގޮތުން، ބިދޭސީން ރާއްޖޭގައި ގެންގުޅުމާއި، އެމީހުންގެ ކެއިންބުއިމާއި، ދިރިއުޅޭ ތަނެއް ދެއްކުމާއި، އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ފުރިހަމަކުރުމަށް ބާރު އެޅޭގޮތަށް ގަވައިދުގައި މާއްދާތަކެއް ހިމަނާފައި ވެއެވެ.

އިގްތިސާދީ ވުޒާރާއިން މިއަދު އާންމުކުރި ގަވައިދާއެކު، ރާއްޖޭގައި ގަވައިދުން އުޅޭ ބިދޭސީ މަސައްކަތްތެރީންނާއި، އަދި ގަވާއިދާ ޚިލާފަަށް އުޅޭ މަސައްކަތްތެރީންގެ މައްސަލަތަކަށްވެސް ހައްލު ލިބިގެންދާނޭކަމަށް ބެލެވެއެވެ.