ރާއްޖޭގައި ޑިޖިޓަލް ޓީވީގެ ޚިދުމަތްދޭ އެއް ކުންފުނިކަމަށްވާ، ދިރާގުން، އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން، "ފީ ފްރީ"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

މިއަހަރުގެ މޭ މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު ޓީވީ މެދުވެރިކޮށް، 100 އަށް ވުރެ ގިނަ ޗެނަލް އެޗްޑީ ކޮލިޓީގައި ފެންނާނޭ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 54 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ .

އަލަށް ބައިވެރިވާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރާއި، ޑީކޯޑަރު ފޯރުކޮށްދިން ކަމުގައި ވީ ނަމަވެސް، ދިރާގު ޓީވީގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް މިހާރު ހޯދަމުންދާ ކަސްޓަމަރުންނަށް މިފަދަ ރަނގަޅު ފުރުސަތުތަކެއް ނުލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.