ރާއްޖޭގައި، ކޮވިޑް19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ޖެހި މީހުންގެ އަދަދު 100000އަށްވުރެ އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިއަދާހަމައަށް ލައްކައަކަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން 105492 މީހުން މިހާތަނަށް ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަމާލެ ސަރަހައްދުން 72872 މީހަކާއި، އަތޮޅުތެރޭން 32620 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ދެމުން އަންނަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑް/އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. އެއީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑްގެ 200000 ޑޯޒެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުން ވެސް ވަނީ އެގައުމުގައި އުފައްދާފައިވާ ކޮވިޑް19އިން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ހަދިޔާކުރާނޭ ކަމަށް ބުނެފައެވެ.