ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީން ފެށިގެން ގްރޭޑް އަށަކާ ހަމަޔަށް އޮންލައިކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިގޮތަށް ނިންމީ މިދުވަސްވަރު ކޮވިޑް19ގެ ކޭސްތައް މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު, މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލިފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ ކަމަށެވެ.

"މިވަގުތު ބަލިފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި, ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން, ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެދުމުގެ މަތީން, ކުރިއަށް އޮތް 2 ހަފްތާ (20 ފެބްރުއަރީ 2021އިން ފެށިގެން 11 މާރޗް 2021އަށް) މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް އަށަކާ ހަމަޔަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމުގައި ދެންނެވީމެވެ." މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ކޮވިޑް19ގެ ހާލަތު ގޯސްވުމުގެ ސަބަބުން، ސްކޫލްތައް ބަންދުކޮށްފައި އެތަށް ދުވަހަކު އޮތުމަށްފަހު، "ނިއުނޯމަލް"ގެ ޚާއްސަ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވީ މިދިޔަ ޖަނަވަރީ މަހުގެ 10ވަނަ ދުވަހުއެވެ.