ޏ. ފުވައްމުލައް ސިޓީގެ ފުނާޑު އަވަށުގައި ހޮނިހިރު ދުވަހު ހަވީރު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެކާރުގައި ތިބި ދެ ޒުވާނަކު ނިޔާވެއްޖެއެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައި ވަނީ، ހޮނިހިރު ދުވަހު ހަވީ 4:22ކަންހާއިރު، ފުނާޑު އަވަށުން، މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް، އެމަގުގެ ހުޅަނގުފަރާތުގައި ހުރި ކިނބިގަހެއްގައި ޖެހި އެކްސިޑެންޓް ވެގެންނެވެ. ކާރު ދުއްވަން އިނީ 19 އަހަރުގެ ޒުވާނާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭގޮތުގައި، އެކްސިޑެންޓްވީއިރު ކާރުގައި ތިބި 19 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނަކު، ފުވައްމުލައް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައެވެ.

ފުލުހުން ބުނީ، އެ ޚިދުމަތުން، އެކްސިޑެންޓުގެ މި ހާދިސާ ތަހުގީގުކުރަމުން ދާކަމަށެވެ.