އަންހެން ކުދީންނާ މެދު ގެންގުޅޭ ތަފާތުކުރުމުގެ ފަލްސަފާ ފެތުރުމަށް ބައެއް ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތައް ޖެންޑަރ މިނިސްޓްރީއަށް ފާހަގަ ނުކުރެވެނީތޯ ވިދާޅުވެ، ކުރީގެ ބަންޑާރަނައިބު، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސައީދު ސުވާލު އުފައްދައިފިއެވެ.

އަންހެން ކުދީންގެ ހެދުން އެޅުމާ ގުޅޭގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ކުރައްވާފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން، ދިޔާނާވަނީ ޑރ. އިޔާޒަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަންހެން ކުދީންގެ ހެދުން އެޅުމާ ގުޅޭގޮތުން ސަމާލުވުމަށް ނަސޭޙަތްތެރިވެ، ޑރ. އިޔާޒު ޓްވީޓު ކުރައްވާފައިވާ ލިޔުންކޮޅުގައިވެއެވެ.

"ތިބާގެ އަންހެން ދަރިފުޅަކީ ތިބާގެ ގާތުގައި ކުޑަކުއްޖަކަށް ވިޔަސް، އެހެން މީހުންގެ ނަޒަރުގައި އެއީ އަންހެނެކެވެ. އެހެންކަމުން ދަރީން ހެދުންއަޅާ ގޮތާއިމެދު ސަމާލުވާށެވެ. ޢުމުރުން ކިތަންމެ މައްޗަށް ދިޔަޔަސް ބަލިކަށި ހިތްތަކަކީ ބޮޑުވެގެންވާ ފިތުނައެކެވެ. - މޫސާ އަންވަރު ޙަސަން حفيظ الله".

މިއަށް ރައްދުދެއްވައި، ދިޔާނާ ވިދާޅުވީ، އަބަދު އަންހެންކުދީން އޮބިއަޅުއްވާން ނޫޅުއްވައި، ދީނުގައިވާ ގޮތަށް އިސް ތިރިކުރައްވައިގެން، އެފަދަ ބަލިކަށި ހިތްތަކުގައި މެދުމިންވަރަށް ތަބާވެވޭނޭފަދަ ކަމަރެއް އަޅުއްވައިގެން އުޅުއްވުން ރަނގަޅުވާނޭ ކަމަށް ވިދާޅުވެފައެވެ.

"އަބަދު އަންހެންކުދީން އޮބިއަޅުއްވާން ނޫޅުއްވައި، އިސް ތިރިކުރައްވައި، ތިޔަ ބަލިކަށި ހިތުގައި މޮޑެސްޓީ ބެލްޓެއް އަޅުއްވައި، ތިޔަ މައިތިރި ކުރައްވާ" އެކަމަނާގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، "ފާޅުގައި މި ތަފާތުކުރުމުގެ ފަލްސަފާ ފަތުރުއްވާއިރު، ޖެންޑަރ މިނިސްޓްރީއަށް މިއަޑު އިވިވަޑައިގަންނަވާތޯ؟" ވިދާޅުވެ އެކަމަނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، 18 މެއި 2009ގައި، ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ މަގާމުން އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ވަކިކުރެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.