މިއަދުގެ ހުކުރު ޚުޠުބާ ހާއްސަކޮށްފައި ވަނީ, ފިތުނަވެރިކަމުން ރައްކައުތެރިވުމާ ގުޅޭގޮތުންނެވެ. އަދި ފިތުނައިގެ ނުބައިކަމާއި, އޭގެ ސަބަބުން މުޖުތަމައުތަކަށް ކުރިމަތިވާ މުޞީބާތްތަކާ ގުޅޭގޮތުންނެވެ.

ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއް ކަމަށާއި, އަޖުމަބެލުމުގެ މަންޒިލެއް ކަމަށާއި އަދި މި އިމްތިހާނުގެ މައިދާނުގައި އެކަކުވެސް އިސްތިސްނާ ނުވާކަން ފާހަގަކޮށް, ފިތުނައިން ރައްކާތެރިވުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަން މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ފިތުނައިން ރައްކާތެރިވެ އުޅުމަށް ބާރުއަޅުއްވައި, ކީރިތި ރަސޫލާ ޞ.ޢ.ވ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުންނާ ފިތުނަތަކާ ކުރިމަތި ވާނެއެވެ. އެކަންތަކުގައި ތެދުވެ ހުރި މީހާއަށްވުރެ, އިށީނދެ އިން މީހާގެ ހެޔޮކަން ބޮޑެވެ. އަދި (ފިތުނަވެރިކަމާ ގާތަށް) ހިނގާފައި ދާ މީހާއަށް ވުރެ (ދުރުން އެކަން) ބަލަން ހުރި މީހާގެ ހެޔޮކަން ބޮޑެވެ. އަދި (އެ ފިތުނައިގެ ތެރެއަށް ވަނުމަށް) ދުވާ މީހާއަށްވުރެ, ހިނގާފައިދާ މީހާގެ ހެޔޮކަން ބޮޑެވެ. ފިތުނައިގެ ތެރެއަށް ވަދެއްޖެ މީހާ, އެކަމުގައި ހަލާކުވެ ހިނގައިދާނެތެވެ. ފަހެ ފިތުނައިން ރެކި, ފިލަން ވަންނާނޭ ތަނެއް ލިބުނު މީހާ, ފަހެ އެތަނަކަށް ވަދެ, ރައްކައުތެރިކަން ހޯދައިފާ ހުށިކަމެވެ."

ޚުތުބާގައި ބުނެފައިވަނީ, ފިތުނަ ތަކުގެތެރޭން އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމަށެވެ. އެހެނީ, އެއީ الله ގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނުކުރެވޭ ފިތުނައަށް ވާތީއެވެ. އަދި މި އިމްތިޙާނުން ފޭލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެންދާތީ ކަމަށެވެ. މި ސަބަބާހުރެ, ފިތުނައަކާ ނުލައި މަރުގެންނެވުމަށް އެދި ކީރިތި ރަސޫލާ ޞ.ޢ.ވ. ދުޢާކުރައްވާ ކަމުގައިވެއެވެ.

ޚުތުބާގައި ބުނީ, ފިތުނައަކީ, އިންސާނާގެ ހިތަށާއި ސިކުނޑިއަށް ޖެހޭ މުޞީބާތެއް ކަމަށެވެ. އޭގެ ސަބަބުން, ކެތްތެރީންވެސް އާވާރާވެ, މަގުއޮޅިދާ ކަމަށެވެ. ފިތުނައިގެ ސަބަބުން, އެތައްބައެއް ހައްގުން އެއްކިބާވެ, ހަލާކުވެގެން ގޮސްފައިވާ ކަމަށާއި, ފިތުނައަކީ, ދެކޮޅުވެރިކަމާއި ބައިބައިވުން އުފެއްދުމަށް މަގުފަހިކުރުވާ ޝައިޠާނެއް ކަމަށް ޚުތުބާގައިވެއެވެ.

މީގެ އިތުރުން, ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ, މީހުން ރުޅިއަރުވައި, ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތްކަން ފާހަގަކޮށް ޚުތުބާގައި ވަނީ, ދޮގުވާހަކަތައް ފެތުރުނަ ނުދިނުމަށް, ޚަބަރުފަތުރާ ވަސީލަތްތަކުން މުހިއްމު ދައުރެއް އަދާކުރެވިދާނޭ ކަމަށާއި, އެގޮތުން ޚަބަރުގެ ތެދުދޮގު ބެލުމަށް އިލްތިމާސްކޮށްފައެވެ.