މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފަކީ, މިފަހަކަށް އައިސް ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ޚާއްސަކޮށް, ދީނީ ކަންކަމުގައި އެކިއެކި ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބުދިނުމާއި, ދީނުގެ އެކިއެކި ކަންކަމަށް ފަރުވާތެރިވެ, ރައްކާތެރިވުމާއި, ކީރިތި މާތް ރަސޫލާ މުޙައްމަދު ﷺގެ ސުންނަތާ އެއްގޮތަށް އުޅުމަށް މީހުންނަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައި ހައްދަވައެވެ. ނަމަވެސް އެމަނިކުފާނުގެ ބައެއް ވާހަކަފުޅުތަކަކީ, ބައެއް ފަރާތްތަކަށް ހަޖަމުކުރާން ދަތި ކަންތައްތަކަށްވެސް ވާފަހަރު މަދެއް ނޫނެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން އަންނަ ޑރ. އިޔާޒު, ސޯޝަލްމީޑިއާގައި ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން, އެ ޔުނިވަރސިޓީން ވަނީ, 14 ދުވަހަށް އިޔާޒް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އިޔާޒް ވިދާޅުވީ, ދީނީގޮތުން އޭނާ ދައްކަވާ ވާހަކަފުޅުތައް އެގޮތަށް ސަސްޕެންޑްކުރިޔަސް ނުހުއްޓުވޭނޭ ކަމަށެވެ.

ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ ކަމަށް ބުނެ، ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭން މިސްކިތްތަކުގައި ޖަމާއަތްހަދާއިރު ސަފުތައް ދުރުކުރުމަށް، ފާހަގަޖަހައި ޓޭޕްއަޅަން ފެށުމާއެކު، ނަމާދުގެ ސަފުތައް އެއްވަރުކުރުމާ ގުޅޭ ގޮތުން އެމަނިކުފާނު މިދެތިން ދުވަހެއްގެ ތެރޭގައި ވަރަށް ބައިވަރު ޓްވީޓްތައް ކުރައްވައިފައިވެއެވެ. އެގޮތުން ބައްޔެއްގެ ނަމުގައި ދޮގު ވަހުތާނުތަކެއްގައި ޖެހި ސުންނަތް ދޫކޮށްލައިގެން ނުވާނޭކަމަށް އޭނާ ވިދާޅުވެފައިވެވެ.

" އަޅުގަޑުމެންނަކީ މުސްލިމުންނަށް ވީހިނދު, ރަސޫލާ ﷺ ދެކެ ނުހަނު ލޯބި ކުރަން ޖެހޭ. އެކަލޭގެފާނު ދެކެ ލޯބިވުމުގައި އެކަލޭގެފާނުގެ ސުންނަތް ދިރުވުމާއި އެކަމަށް މަސައްކަތް ކުރުން ހިމެނޭ. ވީއިރު, ބައްޔެއްގެ ނަމުގައި ދޮގު ވަހުތާނު ތަކެއްގައި ޖެހިގެން ސުންނަތް ދޫކޮށްލައިގެން ނުވާނެ."

" ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވޭ. “ތިޔަބައިމީހުން ޞަފުތައް އެއްވަރު ކުރާށެވެ. ނޫންނަމަ الله ތިޔަބައިމީހުންގެ މޫނުތައް ތަފާތު ކުރައްވާނެއެވެ.” މާނައަކީ: ޞަފުތައް އެއްވަރު ނުކޮށްފިނަމަ ބައިބައިވުން އުފެދިގެން ދާނެއެވެ."

މީގެ އިތުރުން "ނަމާދަށް އައުމުގެ ކުރިން އެންމެން އެއްތަނެއްގައި ތިބެފައި އެކަކު ސައިކަލް ފަހަތަށް އަނެކަކު އަރައިގެން އައިސްފައި, ހަމައެކަނި ނަމާދު ކުރަންވީމާ ގައިދުރު ކުރީމާ ބޭނުންވާ މަގްޞަދު ޙާޞީލް ކުރެވޭތޯ?" އޭނާ ސުވާލުކުރައްވައިފައިވެއެވެ.

ޑރ. އިޔާޒް ސަސްޕެންޑްކުރުމާ ގުޅިގެން, އޭނާގެ ދިފާޢުގައި ވާހަކަފުޅުދައްކަވަމުން, ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ, "އަދާލަތުޕާޓީގެ އިލްމުވެރީންގެ ނައިބުރައީސް, ޑރ. އިޔާޒަކީ، ލާދީނީ ވެރީން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ. ޖެހިލުމެއްނެތި މާޒީގެ ވެރީންނަށް ދެއްވާ ރައްދަށް އެބޭފުޅުންނަށް ކެތްނުކުރެވެނީ. ޑރ. އިޔާޒާމެދު ނާއިންސާފުން އަޅާ ފިޔަވަޅަކީ, އަޅުގަނޑުމެން ތަޙައްމަލުކުރާނޭ ކަމެއް ނޫން," ކަމަށެވެ.

މީގެ އިތުރުން ދީނީ ޢިލްމުވެރިޔާ ޝޭޚް ޢަލީ ޒައިދު ވިދާޅުވީ, "އެމްއެންޔޫގެ ވެރީންނަށް ދަންނަވާން އޮތީ, މަގާމަކީ ވަގުތީ އެއްޗެކޭ, މީހަކަށް ނުހައްގުން ދޭ އަނިޔާ އެބަޔަކާ އަރައި ހަމަކުރާނޭ. މީ ދުނިޔެދައްކާ ހަގީގަތޭ! اللهއަށް ބިރުވެތިވާށޭ! ނާއިންސާފުން މުޅިން ބާތިލްގޮތެއްގައި ޑރ. އިޔާޒަށް އަޅާފައިވާ ފިޔަވަޅު ވަގުތުން އުވާލުމަށް ގޮވާލަން!" ކަމަށެވެ.

މިނޫނަސް އެތަކެއް ޢިލުމުވެރީންނާއި އަދި އާންމުންގެ ގިނަ ބަޔަކު ދަނީ, މިކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް އަދުލުއިންސާފު ގާއިމުކުރުމާއި، ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި މިނޫންވެސް އެކި ނަންނަމުގައި މިނިވަކަން ހޯދައިދޭން އައި ވެރިކަމެއްގައި މިފަދަ ހައްގުތަށް ނިގުޅައިގަންނަ ކަމަށްބުނެ ސަރުކާރަށާއި، ގާނޫނު ހަދާ މަޖިލީހަށްވެސް ގިނަ ބަޔަކު ދަނީ ފާޅުގައި ފާޑުކިޔަމުންނެވެ.