ކޮވިޑް19ގެ މި ނުރައްކާތެރި ހާލަތުގައި ވެސް ސިޔާސީ ފަރާތްތަކަށް ކަރަންޓީނު ނުވެ، ރަށްރަށަށް ގޮސް ކެމްޕޭންކުރެވޭ ގޮތަށް، އެޗްޕީއޭއިން އުސޫލެއް އެލުލަވައިލައި އާންމުކުރީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. "ކޮވިޑް19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިން" އާންމުކުރިތާ 24 ގަޑިއިރު ނުވަނީސް އެ ބާތިލްކުރާން ޖެހުނީ ކީއްވެހެއްޔެވެ.

މި ގައިޑުލައިނެއް އައުމުގެ ކުރީންވެސް ކޮވިޑް19އާ ގުޅިގެން، އެކިފަހަރު މަތީން އާންމު ރައްޔިތުންނަށް އުފުލާން ޖެއްސި ބުރަ ބޮޑުވެ، ރައްޔިތުންނަށް ލިބުނު ގެއްލުންތައްވެސް އިންތިހާއަށް ބޮޑުވެ އެކަމުގެ ޝަކުވާތައްވެސް ރައްޔިތުން ދިޔައީ ކެނޑިނޭޅި ކުރަމުންނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭރުވެސް ރައްޔިތުންދިޔައީ، "ކޮވިޑަކީ، ވަކި ވަގުތުތަކެއްގައި، ވަކި ގޮތަކަށް، ވަކިބައެއްގެ ފަހަތުން ދުވާ، އަދި ވަކަ ބަޔަކަށް ޖެހޭ ރޯގާއެއްތޯ" ގޮވަމުންނެވެ. ސިޔާސީ ބައެއް ފަރާތްތަކާއި، އަދި އެނޫންވެސް ޚާއްސަ ހުއްދަ ލިބިދޭ ފަރާތްތަކެއް ބޭނުން ގޮތަކަށް އުޅޭއިރުވެސް އެމީހުންގެ ފަހަތުން ކޮވިޑް19 ނުދުވަނީ، އަދި އެމީހުންނަށް އޭގެ ބިރުވެރިކަމެއް ނެތީ ކީއްވެތޯ ރައްޔިތުން ދިޔައީ ސުވާލު އުފައްދަމުންނެވެ. އެހެން ނަމަވެސް، އެއަށް އެންމެ އެދެވޭ ޖަވާބެއް ނުލިބެއެވެ. އެޗްޕީއޭއިންވެސް ރައްޔިތުންނަށް ވިސްނައިދެމުން ގެންދިޔައީ، އެ އޭޖެންސީން މަސައްކަތްކުރަމުން ގެންދަނީ، ބަލިފެތުރުން ކޮންޓްރޯލްކުރުމަށާއި، އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް، ވަކި ބަޔަކު ތަފާތުކުރުމެއް ނެތި، ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމުގައި ކަމަށެވެ.

ރައްޔިތުންގެ ބައެއް ސުވާލުތަކަށް އެންމެ އެދެވޭ ޖަވާބެއް ނުލިބުނުކަމުގައި ވީނަމަވެސް، އެ ނިކަމެތި ރައްޔިތުންތައް ހަނާވެ، ފަނާވާންވެސް ތިބީ ބަސްއަހައިގެންނެވެ. އަތްމަތި ދަތިވެ، ވިޔަފާރިވެރީންގެ ވިޔަފާރިތައް ބަނގުރޫޓުވެ، މީސްތަކުން އިނދަޖެހެމުން ދިޔައެވެ. ހަމަ އެއާއެކު ރައްޔިތުންނަށް ކުރިމަތިވަމުން ދިޔަ، ޖޫރިމަނާގެ ބިރުވެރިކަން، އެ ރައްޔިތުންނަށް ވެގެން ދިޔައީ ކޮވިޑަށްވުރެވެސް ނުރައްކާތެރި ކަމަކަށެވެ. އެހެންކަމުން ބުނިގޮތެއް ހަދައިގެން ތިބުން ނޫންގޮތެއް ނެތީކަމަށްވެސް ގިނަ ބަޔަކު ދިޔައީ ދެކެމުންނެވެ. ނަމަވެސް، ހިތްވަރުކޮށްފައި ހައްގު ހޯދަން، އެޗްޕީއޭއާ ދެކޮޅަށްވެސް ބަޔަކު މަސައްކަތް ފެށިއެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި، އީސީއާއި ރައްޔިތުންގެ މަޖިލީސްވެސް ހިމެނޭ ގޮތަށެވެ.

އާންމުން އެބައިމީހުންނަށް އަމުރުކުރާން ތިބި ފަރާތްތަކަށް ކެނޑިނޭޅި ލުއިފަސޭހައަށް އެދި ގޮވަމުން ދިޔައެވެ. އެހެން ގޮތެއް ހޯދައިދޭން އެދި ކަރުނައަޅަމުން ދިޔައެވެ. އެދެވޭ އިޖާބައެއް ނުލިބުނެވެ. އެހެނަސް، ކުރިމަތިވަމުން އަންނަ ސިޔާސީ ބޮޑުއީދު (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު)އާ ދިމާކޮށް، ކެމްޕޭން ނުކުރެވޭތީ، ސިޔާސީ ފަރާތްތަކުން އެމީހުންގެ ބެލެނި ވެރި ފަރާތް ކަމުގައިވާ އީސީގައި އެކަމުގެ ޝަކުވާ އުފުލިއެވެ. އެހިސާބުން އީސީން އެ ޝަކުވާތައް ގާނޫނު ހަދާ މަޖިލީހާ ހަމައަށް އުފުލިއެވެ. ދެންވީގޮތަކީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވާން ޖެހުނީއެވެ. އަދި އާންމު ރައްޔިތުންގެ މައްޗަށް ނުހަނު ހަރުކަށިކޮށް، އެޗްޕީއޭއިން އެކުލަވާލައި ތަންފީޒުކުރަމުންދާ ގައިޑްލައިން، ސިޔާސީ ފަރާތްތަކަށް ކެންޕެއިން ކުރުމަށް، ފަސޭހަވާނޭ ގޮތަކަށް ލުއިކުރުމަށް މަޖިލީހުން އެންގިއެވެ.

މަޖިލީހުގެ އެންގުމާ އެއްގޮތަށް، އަދި އީސީން އެދިފައިވާ ގޮތަށް، އެޗްޕީއޭއިން ސިޔާސީ ފަރާތްތަކަށް ކެމްޕޭނުކުރާން ލުއިފަސޭހަކޮށްދިނެވެ. އެގޮތުން އެކުލަވައިލި އުސޫލުގައި ވަނީ، ކަރަންޓީނުވުމަކާ ނުލައި, ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުން ކަނޑައަޅާ މީހުން، ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުންވެސް ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް ފަސް ދުވަހަށްވުރު ދިގު މުއްދަތަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ދަތުރުތަކުގައި ބައިވެރިވާ ކެމްޕޭން ޓީމުތަކާއި ކެނޑިޓޭޑޫންވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ. އަދި މި އުސޫލުގެ ދަށުން ދަތުރުކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެންކަމަށެވެ.

މި އުސޫލު އިއުލާނުކުރުމާއެކު، ހިތްނުތަނަވަސްކަމާއެކު، ބަސްއަހައިގެން ތިބި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ ތޯއްޗެކެވެ. ކެކިގަތީއެވެ. އަދި، އެއެއް މިއެއް ނުބަލައި، އެޗްޕީއޭއަށާއި، ސަރުކާރަށާއި ސިޔާސީ ފަރާތްތަކަށް ރައްދުކޮށް، ރުޅިވެރިކަމާއެކު ފާޑުކިޔައި، އިންސާފަށް އެދި އަޑުއުފުލަން ފެށީއެވެ. ސިޔާސީ ފަރާތްތަކަށް، ކުރުމުއްދަތަކަށް ނަމަވެސް، ކެމްޕޭން ދަތުރުތަކަށް ލުއިދޭން، މަޖުބޫރީ ހާލަތުގައި ނަމަވެސް، އެޗްޕީއޭއިން ނިންމުމުން ރައްޔިތުންނަށް ދޭހަވީ، އަޅާފައިވާ ފިޔަވަޅުތަކުގެ ހަގީގީ ބޭނުން ވަރަށް ބޮޑަށް ފޮރުވިފައިވާ ކަމަށެވެ. އެހެންކަމުން ޕްރެޝަރު އިންތިހާއަށް ބޮޑުކޮށްލިއެވެ. މިއާއެކު، ކުއްލިއަކަށް އިވިގެން ދިޔައީ، އަނެއްކާވެސް ހައިރާންވެ އަންތަރީސްވާ ވަރުގެ ނިންމުމެއްގެ އަޑެވެ.

"ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމައިފީމެވެ." ސިޔާސީ ކެމްޕޭނަށް ލުއިދިންތާ 24 ގަޑިއިރު ނުވަނީސް އެޗްޕީއޭއިން، އެ އިސްލާހު އުވާލަން ނިންމައި އިއުލާނުކުރިއެވެ.

މިއާއެކު، ރައްޔިތުންނަށް މިހާރު ކޮވިޑް19ގެ ފިޔަވަޅުތައް ވާނުވާ ނޭނގޭ ހިސާބަށް ގޮސްފިއެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކެއް މިއަޅަނީ ހަމަ، އަޅަން ޖެހޭތީތޯ ސުވާލުއުފެދޭން ފަށައިފިއެވެ. ބަސްއަހާ ރައްޔިތުންނަށް، ހަގީގަތް ހާމަކޮށްދޭން އެބަޖެހެއެވެ. "ކޮވިޑަކީ، ވަކި ވަގުތުތަކެއްގައި، ވަކި ގޮތަކަށް، ވަކިބައެއްގެ ފަހަތުން ދުވާ، އަދި ވަކަ ބަޔަކަށް ޖެހޭ ރޯގާއެއް" ނޫންކަން ރައްޔިތުންނަށް ސާފުކޮށްދޭން އެބަޖެހެއެވެ. އެކަން ކުރާންވީ، ބައެއްގެ ޕްރެޝަރާ ހެދިއެއް ނޫނެވެ. އެކަން ކުރާންވީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާއެކު، ތިމާމެންނާ ހަވާލުވެފައިވާ ޒިންމާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށެވެ. ރައްޔިތުންނަށް ވަފާތެރި ޚާދިމުންތަކަކަށް ވުމަށެވެ.

ބަލިފެތުރުން ކޮންޓްރޯލުކުރުމަށް އެހީވެދިނުމުގެ ގޮތުން ރައްޔިތުން ގާތު، މާސްކް އަޅާން ބުނުމުން އެކަން އެބަކުރެއެވެ. ގިނަގިނައިން އަތްދޮންނާށޭ ބުނުމުން އަތްވެސް ދޮންނަނީއެވެ. 3 ފޫޓުގެ ދުރުމިން ބަހައްޓާން އެންގުމުން އެކަންވެސް އެބަކުރެއެވެ. ކެއްސާ ކިނބިހިއަޅާއިރު ނިވާވެސް ކުރަނީއެވެ. އޮފީސްތަކަށް ނުދާން އެންގުމުން ގޭގައި ތިބެ މަސައްކަތްކުރުމަށްވެސް މަސައްކަތް އެބަކުރެއެވެ. ތިމާގެ ކޮންޓެކްޓް ބަބުލް ކުޑަކޮށް ބަހައްޓާން އެންގުމުން އެކަންވެސް ވޭތޯ ހަމަ ބަސްއަހައިގެން އެބަ އުޅެއެވެ. ވެކްސިން ޖަހާން އެންގުމުން އެކަންވެސް ކޮށްފިއެވެ. ދެންވެސް ރައްޔިތުން ތިބީ ބަސްއަހައިގެން ކަންކަން ކުރާށެވެ. އެހެނަސް، ދެއުޅިއެއް ނުވާއުސޫލުތަކާއި، ފިޔަވަޅުތަކެއް އަންނަ ކަމަށް ވަނީ ނަމަ، ރައްޔިތުންގެ ވިސްނުން ބަދަލުނުވާނޭ ކަމަށް ދެކިގެން ނުވާނެ ނޫންހެއްޔެވެ. އެޗްޕީއޭގެ ފަރާތުން ރައްޔިތުން އެދެނީ، ހަގީގީ ސަބަބު ރަނގަޅަށް ބުނދޭށެވެ. ގައިޑްލައިން ތަކަކީ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ އިތުރުން، "އަޑިނޭނގޭ ކަންތައްތަކެއް ހާސިލްކުރުމަށް" ހަދާ އެއްޗެއް ނޫންތޯ ކުރެވޭ ޝައްކުތައް ހިތްތަކަށް ނުވަންނާނޭ ފަދައަކުން އެކަންކުރުމަށެވެ.