ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މިހާރު އެންމެ ފޯރިއާއެކު ކުރެވެމުންދާ މަސައްކަތަކީ، ހެސްކިޔާފައި ރައްޔިތުންނަށް ވެކްސިން ދިނުމެވެ. އެގޮތުން، މިހާރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި މިހާތަނަށް އަތަށް ލިބިފައިވާ، 212،000 ކޮވިޝީލްޑް ވެކްސިންގެ ތެރޭން، 206،114 މީހުންނަށް މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން އާދީއްތަ ދުވަހުގެ ރޭ ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މިހާތަނަށް ވެކްސިން ދިން އާބާދީއަށް ބަލާއިރު، ވެކްސިން ޖަހަންޖެހޭ އާބާދީގެ 46 އިންސައްތަ މީހުންނަށް ވެކްސިން ދެވުނީ ކަމަށެވެ. އެ ނިސްބަތުން ބަލާނަމަ، ވެކްސިން ޖަހަން ޖެހޭ ޖުމުލަ އާބާދީއަކަށް ވާނީ އެންމެ ގިނަ ވެގެންވެސް ގާތްގަނޑަކަށް 450،000 މީހުންނެވެ.

މި އަންދާޒާއަށް ބަލާއިރު، ވެކްސިންގެ ދެޑޯޒް ޖަހަން ޖެހޭ ނަމަވެސް، އެންމެ ގިނަވެގެން ރާއްޖެއަށް ބޭނުންވާނީ، 900،000 ޑޯޒުގެ ވެކްސިނެވެ. އޭގެ ތެރޭން ބޮޑުބައެއް މިހާރުވެސް މިވަނީ، ހިލޭ ލިބޭނޭކަމުގެ 100 އިންސައްތަ ޔަގީންކަން ލިބިފައެވެ.

އެޗްއީއޯސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާރުވެސް 530،000އަށް ވުރެ ގިނައަދެއްގެ ވެކްސިން ހިލޭ ލިބޭނެއެވެ. އަދި މީގެ އިތުރުން ވެސް ހިލޭ އެހީގެ ދަށުން ވެކްސިން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް މިހާތަނަށް ހިލޭ ލިބޭނޭ ކަމަށް ޔަގީންކުރެވިފައިވާ ވެކްސިންގެ ތެރޭން، ޗައިނާއިން އުފައްދާފައިވާ، ސައިނޮފާމް ވެކްސިންގެ 18،000 ޑޯޒް ވަނީ ލިބިފައެވެ. އަދި އިންޑިއާއިން ހަދިޔާކުރި، 200،000 ޑޯޒުގެ ކޮވިޝީލްޑާއި، ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން 12،000 ޑޯޒު ވަނީ ލިބިފައެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުން ހަދިޔާކުރާން ބުނެފައިވާ 200،000 ޑޯޒާއި، ކޮވެކްސް ޕްރޮގްރާމްގެ ދަށުން ލިބޭނޭކަން ޔަގީން ކުރެވިފައިވާ އިތުރު 96،000 ޑޯޒާއި، ފައިޒާ ވެކްސިންގެ 5850 ޑޯޒެއް ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ.

ރާއްޖޭގައި މިހާތަނަށް ދެމުން އަންނަނީ، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އެޗްޕީއޭއިން ބުނީ، މިހާރު މަސައްކަތްކުރަމުން ދަނީ، އޭޕްރީލް މަހުގެ ތެރޭގައި ދެވަނަ ޑޯޒު ފެށުމަށް ކަމަށެވެ. މިހާރު ރާއްޖޭގައި ހުންނާނޭ ކަމަށް މި ބެލެވެނީ ކޮވިޝީލްޑްގެ 5886 ޑޯޒެވެ.