ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިގެން ދިޔަ ހަފްތާ ފެށިގެން އައިއިރު، ކޮވިޑް19އަށް ފައްސިވާ މީހުންގެ އަދަދު ވަނީ، އޭގެ ކުރީގެ ދުވަސްތަކާ އަޅައިބަލާއިރު، މަދުވާން ފަށައިފައެވެ. އެގޮތުން، އެ ހަފްތާ ފެށުނުއިރު، ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 100އަށްވުރެ ދަށްވެފައެވެ.

މި ނިމިދިޔަ ހަފްތާގެ އާދީއްތަ ދުވަހު، މުޅި ރާއްޖޭން ކޮވިޑް19އަށް ފައްސިވީ 96 މީހުންނެވެ. ޖެހިގެން އައި ދުވަހު 94 މީހުންނެވެ. އަދި އޭގެ އަނެއް ދުވަހު ކުއްލިއަކަށް، 153އަށް އެރިއެވެ. މިއީ ފަހަރެއްގައި ހަފްތާގެ މެދުތެރޭގައި، ސިޔާސީ މަޝްރަހަށް އެރި ކުއްލި ލޮޅުމަކާއެކު، މީހުންތައް ހަލަބޮލިވުމުގެ ސަބަބުން މެދުވެރިވީ ކަމަކަށްވެސް ވެދާނެއެވެ. ދެން އެއަށް ފަހު، މިދިޔަ ބުދަ ދުވަހުވެސް 142 މީހުން މިކޮވިޑް19އަށް ފައްސިވިއެވެ. ހަފްތާ ނިންމާލީ 186 މީހުން ކޮވިޑަށް ފައްސިވެގެންނެވެ.

ރާއްޖޭން ކޮވިޑަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު މިހާރު މިވަނީ، 22714އަށް އަރައިފައެވެ. ބަލިޖެހި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު 19642އަށް އަރައިފައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ އަދަދު 65އަށް އަރައިފައެވެ.

ލަފާކުރެވޭ ގޮތުގައި ކުރިއަށް މިއޮތީ ވަރުގަދަ ހަފްތާބަންދެކެވެ. އުތުރު ތިލަފަޅުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ހިތްނުތަނަވަސްވުންތަކެއް ހުރި ހަފްތާބަންދެއްކަމުން، ފުރަމާލޭގެ މަގުތަކަށް ބާރުބޮޑުވުމަކީ، ކޮވިޑް19ގެ މި ބަލިމަޑުކަމުގެ ތެރޭގައި އެންމެންވެސް ކަންބޮޑުވެ ސަމާލުވާން ޖެހޭ ކަމެކެވެ. ރައްކާވެ ތިބިޔާ ދަތުރެވެ. އެހެންކަމުން، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ކޮވިޑް19އިން ސަލާމަތްވުމަށް އެންމެވެސް ސަމާލުކަން ދޭންޖެހެއެވެ.