ބަންގުލަދޭޝްގެ ގައުމީ އެއަރލައިން، "ބިމާން އެއަރލައިން"ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

ބަންގާޅަކީ، އެގައުމުކަށް ނިސްބަތްވާ އެތަކެއް ހާސް ބިދޭސީން ރާއްޖޭގައި ހަރަކާތެރިވަމުން އަންނަ ގައުމެކެވެ.

ބަންގާޅުގެ ގައުމީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާކަން އެގައުމުގެ ބޮޑުވަޒީރު އިއުލާނުކުރެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހާރު ބަންގާޅަށް ކުރައްވަމުން ގެންދަވާ، ދަތުރުގެ ތެރޭން، މިއަދު ބަންގްލަދޭޝްގެ ޑާކާގައި، އެޤައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރިޔަށްގެންދިޔަ ރަސްމީ ވާހަކަފުޅުތަކުގެ ތެރޭންނެވެ.

ޝެއިޚް ހަސީނާ ވިދާޅުވީ، މިކަމުގެ ސަބަބުން ދެޤައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރަށް އިތުރު ދޮރެއް ހުޅުވި، ވައިގެ މަގުން ދެޤައުމު ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމުގައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ މަގުން އިތުރު ދަތުރުތައް ބޭއްވުމުން ރައީސް ޞާލިހު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާ ބަންގާޅާ ދެމެދު، ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައްވެސް މިހާރުވެސް ކުރިއަށް ގެންދެއެވެ.