މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް، ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލައިފައިވަނީ މައިގަނޑު 33 ދާއިރާއަކުން ކަމަށެވެ. އެގޮތުން، ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

މީގެ އިތުރުން، ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަމާއި، އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 18 މާރިޗު 2021ން ފެށިގެން މިއަހަރުގެ މޭ މަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާނޭ ކަމަށާއި، އަދި އެއޮފީހުގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ. މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިއަހަރުގެ މޭ މަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ.