ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޮވިޑް19އަށް ފައްސިވެއްޖެއެވެ.
ބޮޑުވަޒީރު ޚާން ކޮވިޑަށް ފައްސިވިކަން އިއުލާނުކުރެއްވީ، އެގައުމުގެ ސިއްޙަތާބެހޭ ވަޒީރު، ޑރ. ފައިސަލް ސުލްތާނެވެ. ފައިސަލް އޭނާގެ ޓްވިޓަރ އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، "ބޮޑުވަޒީރު އިމްރާން ޚާން ވަނީ ކޮވިޑް19އަށް ފައްސިވެފައި، އަދި މިވަގުތު ހުންނެވީ ގޭގައި އަމިއްލައަށް އެކަހެރިވެގެން،" ކަމަށެވެ.
ޕާކިސްތާނުގެ ނޭޝަނަލް ކޮމާންޑް އޮޕަރޭޝަން ސެންޓަރު (އެންސީއޯސީ)ގެ ވެރިޔާ، އަސަދު ޢުމަރު ވިދާޅުވީ، ޚާންގެ ހާލުކޮޅު ރަނގަޅުކަމަށާއި، އެމަނިކުފާނު ކޮވިޑަށް ފައްސިވެފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް ވެކްސިން ޖެއްސެވުމުގެ ކުރީން ކަމަށެވެ.
ޕާކިސްތާނުގައި ވެސް ކޮވިޑް19ގެ ވޭރިއަންޓް ތައް ފެތުރެމުންދާއިރު، އެގައުމުގައި އެންމެ ހަލުއިކަމާއެކު މިވަގުތު ފެތުރެމުން އަންނަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ވޭރިއަންޓެވެ.