މިދިޔަ ހަފްތާ ނިމިގެން ދިޔައީ، އެ ހަފްތާ ފެށުނުއިރު، 100އިން ދަށުގައި ހިފެހެއްޓެމުން ދިޔަ، ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100އިން މައްޗަށް ގޮސްފައިވަނިކޮށެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ކޮވިޑް19އަށް ފައްސިވާ މީހުންގެ އަދަދު ކުއްލިއަކަށް، 100އިން މަތިވެ، ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ގެނުވިއެވެ.

ކޮވިޑްގެ ކޭސްތައް ކުއްލިއަކަށް އިތުރުވާން ފެށުމާއެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ، އެކަން ވަގުތުން އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން، ރައްޔިތުންގެ ބަސްއެހުމާއެކު، އެޗްޕީއޭގެ ހަރުދަނާ ގައިޑްލައިންތަކަށް ތަބާވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ހަފްތާ ނިމުނުއިރު، މާތްﷲގެ އިރާދަފުޅާއެކު، ކޮވިޑް ކޭސްތައް އަނެއްކާވެސް 100އިން ދަށަށް ދިއުމެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހުގެ ހަވީރު 6:00 އިން ހޮނިހިރު ދުވަހުގެ ހަވީރު 6:00އާ ހަމައަށް ރާއްޖޭން ކޮވިޑަށް ފައްސިވެފައި ވަނީ 81 މީހެކެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ހަވީރު 6:00އިން ހުކުރު ދުވަހުގެ ހަވީރު 6:00އާ ހަމައަށް 145 މީހަކު ކޮވިޑަށް ފައްސިވިއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ދެމުން ގެންދާ މީހުންގެ ޖުމުލަ އަދަދަކީ 2404އެވެ. އޭގެ ތެރޭން 107 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެނެވެ. ރާއްޖޭން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމުލަ އަދަދަކީ، 22،373އެވެ.