އެމެރިކާއަށް ހިޖުރަކުރުމަށް އެމެރިކާ-މެކްސިކޯ ގުޅޭ ބޯޑަރަށް ޖަމާވަމުންދާ ހިޖުރަވެރީންގެ އަދަދު އިތުރުވަމުންދާ މިދަނޑިވަޅުގައި ނޫސްވެރިންނަށް އެތަނަށް ވަނުން މަނާކޮށްފައިވާތީ އެކަމާ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން، މަޝްހޫރު ނޫސްވެރިއަކު ޓުވިޓާރގައި ކަންބޮޑުވުން ފާޅުކޮށް ބުނީ، ރައީސް ބުޝް، އޮބާމާ އަދި ޓްރަމްގެ ދައުރުގައިވެސް ބޯޑަރުގެ ފޯޓޯ ނެގި ކަމަށާއި، އެކަމަކު މިހާރު މީޑީޔާތަކަށް އެއްވެސް ވަރަކަށް އެތަން ކަވަރު ކުރުމަށް ފުރަސަތު ނުދޭ ކަމަށެވެ. އަދި މިފަހުގެ ތާރީޚެއްގައިވެސް މިގޮތަށް ބޯޑަރަށް ނުވަދެވޭ ގޮތަށް ނޫސްވެރިން ބަންދު ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ބައިޑެންއަަށް ވާގިވެރިވާ ބައެއް މީޑީޔާ ތަކުންވެސް މިކަމުގައި ނުރުހުން ފާޅުކުރަން މަޖުބޫރުވިއެވެ. އެގޮތުން ސީއެންއެން އިންވެސް، އެމެރިކާ-މެކްސިކޯ ބޯޑަރުގެ ހާލަތު ގޯހުން ގޯހަށް ދާއިރު މީޑިޔާތައް ވަނީ އެކަހެރި ކޮށްފައި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއެވެ.

ޓްރަމްޕްގެ ދައުރުގައިވެސް މީޑިޔާތަކަށް ބޯޑަރު ކަވަރު ކުރުމުގެ ފުރުސަތު ދީފައިވެއެވެ. ނަމަވެސް އެފަހަރު ހިޖުރަވެރީންގެ ދަރީން މައިންނާއި އެކަހެރިކުރި ސިޔާސަތަށް ފާޑު ކިޔުން އަމާޒުވިއެވެ. އަދި ފަހުން މި ސިޔާސަތު އުވައިވެސް ލިއެވެ.

އެމެރިކާގެ ސަރުކާރުން ބުނީ ނޫސްވެރިންނަށް ބޯޑަރަށް ނުވެދެވޭ ގޮތަށް ހަދާފައިވަނީ ކޮވިޑް-19އިގެ ބަލިމަޑު ކަމުގެ ސަބަބުން ކަމަށެވެ.