ދިވެހީންގެ ލޭ، އެންމެ ފަސޭއިން ހޫނުކޮށްލާ ކަންތައްތަކުގެ ތެރޭގައި، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި، އަދި ދިވެހީންގެ ޤައުމިއްޔަތާއީ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަންކަން ހިމެނެއެވެ. މިއީ ސިޔާސީ ފަރާތްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެން ވާންޖެހޭ ބައިވަރު ސަބަބުތައްވެސް ހުރެއެވެ. ވެރިކަމުގެ އާރާއި ބާރާއި ފޮރުވިފައިވާ މަންފާތައް ހޯދުމަށް، ނުކިއްސަރު މަގެއް ޚިޔާރުކުރެވިއްޖެ ނަމަ، އެހިސާބުން ބައެއްގެ އުނގަށް ނުވެއްޓި ސަލާމަތް ނުވެވޭ ފަހަރު އާދެއެވެ. ދެން ޖެހޭނީ އަބަދުވެސް ރައްޔިތުންނަށް ކަންކަން ފޮރުވާށެވެ. ކުރިންކީ ހުރިހާ ޅެމެއް ފަރިއްސަށްވެދެއެވެ. ސިޔާސީ ފަރާތްތަކުން، އަމިއްލަ މަންފާއަށްޓަކައި ރައްޔިތުންނަށް ވާނޭ އެންމެ ބޮޑު ޚިޔާނާތްތަކަކީ ވެސް މިއީއެވެ.

މިފަހަށްކަށް އައިސް ދިވެހީން އެންމެ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓައިލި ޚަބަރަކީ، މަޝްހޫރު ޔޫޓީއެފް (އުތުރު ތިލަފަޅު)ގައި ވަރަށް އާދައިގެ "މަގަތު ފާލަމަކާއި ބަނދަރެއް" ހަދާވާހަކައެވެ. ހަޤީޤަތުގައި މިއީ ބަޔަކު ކަންބޮޑުވާވަރު ކަމެއްވެސް ނޫންތާއެވެ. އެހެނީ، އެއަށްވުރެ ބޮޑެތި ބިޔަ، ބަނދަރުތަކާއި، މަގަތުފާލަންތައްވެސް، ފަސޭހަކަމާއެކު އަޅައިލެވޭވަރުގެ ފަންނީ، އަދި މާލީ ގާބިލްކަން މިއަދު ދިވެހީންގެ ކިބައިގައި އެބަހުއްޓެވެ. އެކަން އަމަލުންވެސް ދަނީ ދައްކަމުންނެވެ. އެހެން ނަމަވެސް، އެކިޔާ "މަގަތު ފާލަމަކާއި ބަނދަރު" ދިވެހީންގެ ލެޔާކުޅެލި ހިސާބަކީ، މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު، ދިވެހިރާއްޖެއާއި އަވައްޓެރި އިންޑިއާއާ ދެމެދު ސޮއިކުރިކަމަށް އެކިޔާ، "ޑިވެލޮޕްމަންޓަލް، ސަޕޯޓު، އެންޑް ދަ މެއިންޓަނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބަރ ސިފަވަރު އެޓް އުތުރުތިލަފަޅު" އެއްބަސްވުން ކަމަށް ބުނެ، އެފަދަ ވާހަކަތަކެއް ލިޔެފައިވާ ފާޑެއްގެ އެއްބަސްވުމެއް މީސްމީޑިޔާއަށް ހާމަވި ހިސާބެވެ. އަސްލު ކަމަށް ބުނެ ހާމަކޮށްލި މި އެއްބަސްވުމުގައި، ރާއްޖޭގެ މިނަވަންކަމަށް ލޯބިކުރާ ކޮންމެ މީހަކުވެސް ކަންބޮޑުވާފަދަ ވާހަކަ ތަކެއް ހުރީތީއެވެ.

މިބުނާ، އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފްގެ ""މަގަތު ފާލަމަކާއި ބަނދަރު"ގެ ވާހަކަތަކާއެކު އާއްމު ރައްޔިތުން ކަންބޮޑުވެ، މިކަމުގެ ވާހަކަ ދައްކަން ފެށިއެވެ. މައްސަލަ ހޫނުވެ ކެކެން ފެށިއެވެ. ސަރުކާރަށް ފާރަވެރިވާ މީޑިޔާތަކާއި ބައެއް އެހެން ނޫސަތަކުން ކަންބޮޑުވުން ފާޅުކޮށް ލިޔުނު އިރު ސަރުކާރަށް ވާގިވެރިވާ މީޑިޔާތަކުން މިއީ އަސްލެއް ނެތް ލިޔުމެއް ކަމަށް ބުނެ، މިކަމާމެދު ޖިނާއީ ތަހުގީގެއް ކުރުމުގެ ފުރަސަތު އޮތް ވާހަކަވެސް ލިޔުނެވެ. ޤައުމުދެކެ އިންތިހާއަށް ލޯބިވާ ރައްޔިތުންނަށް، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރައިފާނެހެން ހީވުމުން މަޑަކުން ނުތިބެވުނެވެ. އިދިކޮޅެއް އެއްކޮޅެއްނުބަލައި، އަސްލު އެއްބަސްވުން ހޯދަން އެންމެފަހުން މަގުތަކަށްވެސް ނުކުތީއެވެ. ސަރުކާރަށްވެސް މިއީ އާދައިގެ ޕްރެޝަކަށް ނުވިއެވެ. އެއްބަސްވުމަކީ ކަނޑައެޅިގެން ބަޔަކު ސަރުކާރާ ދެކޮޅަށް، ރައްޔިތުންގެ ހިތުގައި ނަފުރަތުގެ އަލިފާން ރޯކުރަން، ނެރެގެންއުޅޭ އެއްވެސް ޙަޤީޤަތެއް ނެތް ލިޔުމެއްކަމަށް ސިފަކުރަމުން ދަނީއެވެ. އެކަމަކު ހަޤީޤަތެއް ނެތް ލިޔުމެއްވިއްޔާ އޭގެ ޙަޤީޤަތެއް އޮތް ލިޔުންވެސް އޮންނާނެތާއެވެ.

ކުރިން މިކިޔައިދިނީ، ދައްކަންމިއުޅޭ ޙަޤީޤީ ވާހަކައަށް ދާންޖެހޭ ސަބަބެވެ. މަޝްހޫރު ޔޫޓީއެފްގެ ވާހަކައާއެކު، މީސްމީޑިއާއާއި އެހެނިހެން ވަސީލަތްތަކުން ސަރުކާރު އިންތިހާއަށް ޕްރެޝަރަށް އަރުވާލައިފިއެވެ. މީޑިއާތަކުގެ ކޮންމެ ދުވަހެއްގެ ފެށުމާއި ނިންމާލުންވެސް ޔޫޓީއެފާ ގުޅުވަނީއެވެ. މިއަޑު މަޑުކުރާން ކޮންމެވެސް ބަޔަކު ނުނިކުމެ ތިބޭނޭހެއްޔެވެ. އާންމު ގޮތެއްގައި ސިޔާސީ ފަރާތްތަކުން "ހަކުޅި ކުރިއަށް ކުޅޭ ވާހަކަ" އަޑުހަމެއް ނޫންތޯއެވެ. އަހަންނަށް ސިފަކުރެވުނީ މިހެންނެވެ. ޔޫޓީއެފްގެ އަޑު ގަދަވެ، ސަރުކާރާއި އަދި ސަރުކާރުގެ މިދެންނެވި ސިޔާސަތަށް ތާޢީދުކުރާ ފަރާތްތައްވެސް ހޫނުފެނަށް ވެއްޓިއްޓުނީއެވެ. އެހެންކަމުން "ޔޫޓީއެފް" މަގަތުފާލަމާއި ބަނދަރުގެ ވާހަކަ އޮއްބާލަން، ދެންޖެހޭނީ ރައްޔިތުންގެ ސިކުނޑި އެހެން ދިމާއަކަށް އަނބުރައިލާން ނޫންހެއްޔެވެ. އެގޮތުން، މިހަފްތާ ތެރޭގައި މީސްމީޑިއާގައިވެސް، އަދި ޚަބަރު ފަތުރާ އެނޫން ވަސީލަތްތަކާއި، ހޮޅުއަށިތަކުގެ ވެސް މާ ފޯރިއެއް ނަގާފައި މިހާރު މިއިވެނީ ތިކިޖެހި ތާނައެއްގެ ވާހަކައެވެ. ތިކިޖެހި ތާނަ އުވައިލާންވީތޯ ނުވަތަ ނޫންތޯ ބުނެ، މިކަން ބޮޑު ބަހުސަކަށްވެސް ހަދައިފިއެވެ. މިއާއެކު، ޖެހި ވައިރޯޅިއެއް ހެން އިސާހިތަކު އެއްކަލަ ޔޫޓީއެފްގެ ވާހަކައިގެ އަޑު މަޑުވެ އެވާހަކަ އޮބިއްޖެއެވެ.

ބޯމަތިވަމުން އަންނަނީ ސިޔާސީ ބޮޑުޢީދެކެވެ. ވަރުގަދަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެވެ. އެހެންކަމުން މިއީ ސަރުކާރާއި، އަދި ވަފާތެރީންވެސް "ހަކުޅި ކުރިއަށް" ކުޅޭންޖެހޭ ވަގުތެވެ. ޔޫޓީއެފްގެ ޕްރެޝަރު ދުއްވައިލާންޖެހޭ ވަގުތެވެ. މިއީ އަނެއްކާ ޙަޤީޤަތުގައިވެސް އެވާހަކަ އޮއްބާލުމަށް ކުރިކަމަކަށް ވެދާނެ ނޫންހެއްޔެވެ. އަދި، އެހެން ނުވެވެސް ހިނގައިދާނެވެ. ސިޔާސީ ގޮތުން ބަޔަކު އަޑުއަހަން ބޭނުންނުވާ ވާހަކަތައް ދެކެވުމުން، އެވާހަކަތައް ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން އެކަން އޮއްބާލުމަށް އެކިކަހަލަ އުކުޅުތައް އަބަދުވެސް ގެންގުޅެއެވެ. ތާރީޚް މިކަމަށް ހެކިދެއެވެ. އަދި ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކަށް މިއީ އައު ކަމެއްވެސް ނޫނެވެ.

އަސްލުކަމަށް ބުނެ ލީކްކޮށްލަފައިވާ ޔޫޓީއެފް އެއްބަސްވުމަކީ ޙަޤީޤަތާ ޚިލާފު ލިޔުމެއް ކަމަށް ސަރުކާރާއި އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް، ވަރަށް އާދައިގެ "މަގަތުފާލަމަކާއި ބަނދަރެއް" ތަރައްޤީކުރުމަށް ކަމަށް ބުނެ، އެއްބަސްވެފައިވާ މި އެއްބަސްވުން ހާމަކޮށްފިނަމަ، ޤައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ބުނެ ސަރުކާރުން އެއްބަސްވުން ހާމަ ނުކުރީއެވެ. އަދި ދައުލަތުގެ އަނެއް ބާރުކަމަށްވާ، ރައްޔިތުންގެ މަޖިލީހާއި، އެ މަޖިލީހުގައި އޮންނަ އެންމެ ވަރުގަދަ އެއް ކޮމިޓީ ކަމަށްވާ، ޤައުމީ ސަލާމާތީ ކަންތައްތަކާ ބެހޭ ކޮމިޓީއަށްވެސް މިލިޔުން ވެއްދުމަށް ދެކޮޅުހަދައިފިއެވެ. އެއްބަސްވުމަކީ ހަމަ ވަރަށް އާދައިގެ އެއްބަސްވުމެކެވެ. ސަރުކާރާއި އަސްކަރިއްޔާގެ ބޭފުޅުން ވެސް ވިދާޅުވަނީ، ޔޫޓީއެފްގައި އެހެން ޤައުމެއްގެ އަސްކަރީން ތިބެން ފުރުޞަތު ނުލިބޭނޭ ކަމަށެވެ. ނަމަވެސް، އެ ބަނދަރު ހަދައިދޭ އެކުވެރި ދައުލަތަށް ނިސްބަތްވާ ފަންނީ ބޭފުޅުން އެތަނުގައި ނުތިބޭނޭ ވާހަކައެއް ނޫނެވެ. ދިވެހީންގެ ކަންބޮޑުވުމަކަށް މިވީ، "ފަންނީ ތާކިހާ އަޅައިގެން" ތިބޭނީ ކޮންބައެއްކަން ނޭނގޭތީއެވެ. ވޭތުވެދިޔަ ކައިރި މާޟީގައިވެސް މި ޤައުމަށް އެކުވެރި އިންޑިއާގެ މިފަދަ އެހީތަށް ލިބިފައިވާތީއެވެ. ޚާއްޞަކޮށް، ދިވެހީންނަށް ދުއްވަން ދަސްނުވި ހެލިކޮޕްޓަރު ފަދަ އެހީތަކަކީ މިހާރު ދިވެހީންނަށް ހަޖަމުކުރާން އެހާ ފަސޭހަ ކަންކަމެއް ނޫނެވެ.

ކޮންމެއަކަސް، ޔޫޓީއެފްގެ ވާހަކަ މިހާރު ހިންދާލައިފިއެވެ. ޤައުމީ ސަލާމަތަށް ނުރައްކާއޮތް އެއްބަސްވުމެއް، ހާމަނުރެވި އުޅެނިކޮށް، ރައްޔިތުންގެ ސިކުނޑިއަށް ބަޔަކު މިވަނީ، މިވަގުތު ޤައުމީ ސަލާމަތަށް އެންމެ ނުރައްކާ ބޮޑީ، ޤައުމީ ބަހުގައި ބޭނުންކުރާ ބައެއް އަކުރުތަކުގައި ތިކިޖެހުންކަމަށް ސިފަކޮށްދީފައެވެ. އަދި މިކަން "ޤައުމީ ބަހުސަކަށް" ހަދައިފައެވެ.