ކޮވިޑް19-އިން ރައްކާތެރިވުމުގެ ގޮތުންނާއި އެ ރޯގާ މައިތިރުކުރުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، މާލެ ސަރަޙައްދުގައި ވަކި ވަގުތެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުން ބާޠިލުކޮށް، ބޮޑެތި ލުއިތަކެއް ދީފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ސޮއިކުރައްވައި ނެރުންވި އެންގުމުގައި ވަނީ، "މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ)ގައި ހަވީރު 6:00އިން ފެށިގެން ހެނދުނު 6:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން) މިހިނދުން ފެށިގެން ބާޠިލްކޮށްފިން" ކަމަށެވެ.

މީގެ އިތުރުން، "ޕާކުތަކާއި މައިޒާންތައް ބަންދުކުރުން"ވެސް ވަނީ ބާޠިލުކޮށްފައެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް، ކޮވިޑް-19އަށް ރާއްޖޭން ފައްސިވާ މީހުންގެ ޢަދަދު ދަށްވެފައެއް ނުވެއެވެ. މިހަފްތާގެ އާދީއްތަ ދުވަހު ރާއްޖޭން ކޮވިޑަށް ފައްސިވި މީހުންގެ ޢަދަދަކީ 140އެވެ. އަދި ހޯމަދުވަހު 149 ފައްސިވިއެވެ. އަންގާރަ ދުވަހު 128، ބުދަ ދުވަހު 139 އަދި މިއަދު 162 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.