ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް އަޅަމުން ގެންދިޔަ އެންމެ ވަރުގަދަ އެއްފިޔަވަޅުކަމަށްވާ، މީހުން ތަންތަނަށް ޖަމާވިޔަ ނުދިނުމުގެ ގޮތުން އަޅާފައި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، މާލެ ސަރަހައްދުގައި ކިޔަވައިދޭ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުކޮށްގެން ކިޔަވައިދިނުން މަނާކޮށް އެންގި އެންގުން ބާތިލްކޮށް، ސްކޫލްތަކުގެ އެލްކޭޖީން ފެށިގެން މަތީގެ ހުރިހާ ދަރުވަރުން ސްކޫލަށް ގެނެސްގެން ކިޔަވައިދޭން ތަޢުލީމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވުމާ ގުޅިގެން، މި ހަރުކަށި ފިޔަވަޅުއެޅީ، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން، ގްރޭޑް 6ން ފެށިގެން ދަށުގެ ދަރިވަރުންނަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މާލެ ސަރަޙައްދުގެ ހުރިހާ ސްކޫލްތަކެއްގައިވެސް އެލްކޭޖީން ފެށިގެން މަދީގެ ހުރިހާ ދަރިވަރުން ސްކޫލަށް ޙާޟިރުކޮށްގެން ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ހުއްޓުވުމަށް، އެޗްޕީއޭއިން އަޅާފައިވާ ދަތިކުރުމުގެ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، ޕާކްތަކާ މައިޒާންތައް ވެސް ހުޅުވާލުމަށާއި އަދި ރޭގަނޑު ހަޔަކުން ހަވީރު ހަޔަކަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އަޅާފައިވާ ފިޔަވަޅުވެސް އުވާލައިފައިވާއިރު، މިހަފްތާތެރޭގައިވެސް ކޮވިޑަށް ފައްސިވާ މީހުންގެ ޢަދަދު މަދުވެފައެއް ނުވެއެވެ. އެގޮތުން މިހަފްތާގެ އާދީއްތަ ދުވަހު ރާއްޖޭން ކޮވިޑަށް ފައްސިވި މީހުންގެ ޢަދަދަކީ 140އެވެ. އަދި ހޯމަދުވަހު 149 ފައްސިވިއެވެ. އަންގާރަ ދުވަހު 128، ބުދަ ދުވަހު 139 އަދި މިއަދު 162 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.