މިހާރު ރާއްޖޭގައި ވެރިކަންކުރަމުން އަންނަ، އެމްޑީޕީން އެކުލަވާލައިފައިވާ ކޯލިޝަން ސަރުކާރަކީ ވައްކަންކުރާ ސަރުކާރެއް ކަމަށާއި އެފަދަ ސަރުކާރަކާއެކީ، އޮންނަން އެމްޑީޕީ ނޭދޭނޭކަމަށް އެމްޑީޕީއާއި ރައްޔިތުންގެ މަޖިލީހުގެވެސް ރައީސްކަން ކުރައްވަމުންގެންދަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑް-19ގެ މި ބިރުވެރިކަމުގެ ޙާލަތުގައި، ރައްޔިތުން އެނދުމަތިވެދާނޭ އެންމެ ނާދިރު ޙާލަތެއްގައި، ނޭވާލެއްވުމަށް ބޭނުންވާނޭ ވެންޓިލޭޓަރުތަކެއް ގަތުމަށް މިސަރުކާރުން ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގައިފައި ވީނަމަވެސް، އެމައްސަލައިގައި ދަޢުވާ ނުކުރާން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެއެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ވިދާޅުވީ، "ވެންޓިލޭޓަރުގެ މައްސަލައިގައި މަތިޖެހުނަ ދީފި ނަމަ، ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނޭ ގެއްލުން ބޮޑު. ސަރުކާރު މިކަމުގަ ބައިވެރިވެފައިވާތަން ފެންނަނީ. ވައްކަންކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ،" ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ވަނީ އެކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ އެޑްވާންސްގެ 90 އިންސައްތައަށް ވާ ފައިސާ (30.9 މިލިއަން ރުފިޔާ) ދީފައެވެ. ނަމަވެސް މިހާތަނަށް އޭގެ ތެރޭން ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. މި މައްސަލަ ފެންމަތިވީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި، ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަޙުޤީޤުކޮށް ދަޢުވާކުރަން ޕީޖީއަށް ފޮނުވުމުން، ޕީޖީ ވިދާޅުވީ، ދަޢުވާކުރެވޭވަރަށް ހެކި ނެތްކަމަށެވެ.

މިކަމާ ކޯފާވެގެން، ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ، "މިކަންކަން ބަދަލުކުރާން ޖެހޭ އަދި ރައްޔިތުންނާ އެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން،" ކަމަށެވެ.

ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފުލްސްޕީޑުގައި ކެމްޕޭން ކުރަމުން ގެންދާ އެމްޑީޕީއަށް މިވަނީ، އެޕާޓީގެ ސަރުކާރުތެރޭން އުފެދުނު ވައްކަމާއި ފަސާދައިގެ ހިޔަނިއެޅި ވަރަށް ބޮޑަށް ގުޑުން އަރާފައެވެ. އަދި ދައުލަތުގެ ހުރިހާ ބާރުތަކެއް ލިބި، ކަންކަން ނުކުރެވި، ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް ގޮސްފައިވާތީ ރައްޔިތުން ދަނީ އެ ޕާޓީއަށާއި ލީޑަރޝިޕަށްވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.