ކޮވިޑް19ގެ ނުރައްކާތެރި ބަލިމަޑުކަމުގައި ޖެހި ހަނާވަމުން ދިޔަ ދިވެހި ރައްޔިތުންނަށް ހަމަ ގައިމުވެސް، މި ބުރާސްފަތި ދުވަސް ވެގެންދާނީ ފިސާރި ފިލާވަޅުތަކެއް ނަގައިދިން ދުވަހަކަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މުޅި ދުނިޔެ އެ ވަބާއެއްގައި ޖެހި، ގައުމުތައް ވާނުވާ ނޭނގޭ ހާލަތަށް ތިރިވެގެން ދިޔަ މުސީބާތް އަދިވެސް ހުއްޓުމެއްނެތި ފެތުރެމުން ދަނީއެވެ. ވަކި ގައުމެއް ބަލާފައެއް ނޫނެވެ. އެހެން ނަމަވެސް، ބޭގަރާރުކަމެއްގެ ތެރޭގައި ތިބި ދިވެހި ރައްޔިތުންނަށް، މި ބުރާސްފަތި ވެގެން މިދިޔައީ ކޮވިޑާއި ސިޔާސީ ކަންކަމާ ގުޅުވައިގެން ދައްކަމުން އަންނަ "ތޯތޯވާހަކަތަކަށް" ބާރު ލިބިދޭ އެތަކެއް ވާހަކަތަކެއް ބުނެދިންދުވަހަކަށެވެ.

ކޮވިޑާގުޅިގެން ރާއްޖެ އެންމެ ފުރަތަމަ ލޮކްޑައުނަކަށް ދިޔައީ، 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭން ފުރަތަމަ ފަހަރަށް ރައްޔިތަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 12 މާރޗް 2020 ވަނަ ދުވަހު، މުޅިރާއްޖެއަށް "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" އިއުލާނުކޮށް، ރައްޔިތުން ފުރަބަންދެއްގެ ތެރޭގައި ބައިތިބައިގެން، ވިސްނައިދިނީ ކޮވިޑް ފެތުރުން ހުއްޓުވޭން އޮތީ އެގޮތުގެ މަތީން ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ހާލަތަކީވެސް މިއެވެ. ބައެއްފަހަރު ފިޔަވަޅުތައް ލުއިކޮށްލާނެއެވެ. އަނެއްބައި ފަހަރު، ފިޔަވަޅުތައް ހަރުކަށިކުރިކުރީނުން، ނޭވާ ނުލެވޭވަރު ވެސް ކޮށްލައެވެ. ނަމަވެސް، މިފަދަ ބިރުވެރި ނާމާން ހާލަތުގައިވެސް، ރައްޔިތުންނަށް ފެނިގެންދިޔަ މަންޒަރުތަކުގެ ތެރޭގައި، ސިޔާސީ ބޭފުޅުން ބޭނުންފުޅުވީމައި، އެ ދާން ބޭނުންވާ ތަނަކަށް ގޮސް، އެކުރާން ބޭނުންވާ ކަމެއްކޮށް، އެފަރާތްތަކުގެ ކަންކަން ފުއްދަމުން ދިޔަމަންޒަރެވެ. އެހެނަސް، އެބޭފުޅުންނަށް ކޮވިޑް19 ހަމަލާ ނުދެނީއެވެ. މިފަދަ މަންޒަރުތައް ފެންނަ ހާލަތުގައިވެސް ރައްޔިތުން ތިބޭން ޖެހެނީ ތުންފިއްތާލައިގެން ކުދިކިޔާލަކިޔާލައެވެ. އެހެނީ، ސިޔާސީ ފަރާތްތަކާ ކައިރި ނުވިޔަސް، މިކޮވިޑަކީ އާންމު ރައްޔިތުންނާއި ނިކަން ދޯޅު، އަދި އާންމުން ތަންތަނަށް ވަރަށް ފޯރިހުންނަށް ވައިރަހަކަށްވާތީއޭ ކިޔައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް، އެއްކަލަ ފުރަބަންދަށް ފަހު، ރައްޔިތުން ކޮވިޑާގުޅޭ ތަފާތު މަރުޙަލާތައް ތަޖްރިބާކޮށްކޮށް ތިއްބައި އެޗްޕީއޭއިން އަޅަމުން އަންނަ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކަށް އަހަރެއް ވަނީއެވެ. ހިތްދަތި، އަދި އެހާމެ ދަތިހާލެއް ރައްޔިތުން ތަޙައްމަލުކުރާން ޖެހުނު ލޮކްޑައުންގެ އަހަރީ ދުވަސް ހަމަ ޔަގީނުންވެސް، ދިވެހި ރައްޔިތުން ފާހަގަކުރާނެއެވެ.

ކަމާގުޅޭ މުއައްސަސާތަކުން ބޮޑެތި ޚަރަދުތައްކޮށްގެން، ކޮންމެ ދުވަހަކު މައުލޫމާތުދޭ ބައްދަލުވުންތައް ބާއްވައި، ކޮވިޑްގެ ބިރުވެރިކަމާއި، ރައްޔިތުން އެއިން ރައްކާތެރިވުމަށް ކުރާންވީ ކަންތައްތަކާއި، "ގުދު ފަތިކުރުމަށް" އެންމެން އަތުގުޅާލައި، ފަރުދީ ޒިންމާނަގަން ގޮވާލައި ދެމުންދިޔަ އިރުޝާދުތައް ހަމަ އަދިވެސް ތާޒާކަންމަތީ ކަންފަތުގައި ހަރުލާފައި ހުންނާނެއެވެ. ފައްސިވާ އަދަދު ކުޑަކޮށް މައްޗަށް ޖެހިލިޔަސް، ރައްޔިތުންގެ ނޭވާހޮޅިވެސް ބަންދުކުރާން ޖެހޭފަދަ ހަރުކަށި ފިޔަވަޅުތައް އަޅާން ޖެހިދާނޭ ކަމުގެ އިންޒާރުތައް މަތިމަތިން ލިބެމުން ދިޔައެވެ.

ނަމަވެސް، މި ބުރާސްފަތި ދުވަހު އިވިގެން ދިޔައީ، އަދި ފެނިގެން ދިޔައީ އަޖާއިބުވެ އަންތަރީން ނުވާވަރު ވާހަކަތަކަކާއި ނިންމުންތަކެއް ނޫންހެއްޔެވެ. ބުރާސްފަތި ވެގެން ދިޔައީ، "ގުދު ފަތިކުރާން" ކުރަމުން އައި މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވި ދުވަހަށެވެ. ހަފްތާ ނިންމައިލީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ފައްސިވެގެންނެވެ. ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް އައި އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 300އަށް އެރިއެވެ. މަތިވަމުން މަތިވަމުންނެވެ. ކޮވިޑްގެ ހާލަތު މުޅި ރާއްޖޭގައިވެސް ވަނީ، މިއިން ދުވަހަކު ނުވާވަރަށް ގޯސްވެފައެވެ. އެތަކެއް ރަށެއް ވަނީ، މޮނިޓަރިންގ ހާލަތުގައެވެ. ރައްޔިތުންގެ މަޖިލީހަށް ހާޟިރުވެވަޑައިގެން، ޞިއްޙަތާ ބެހޭ ވަޒީރުވެސް ވިދާޅުވީ، ބިރުވެރި ވާހަކައެކެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރު ކޮވިޑް ފެތުރެމުން މިދަނީ، ފަރުވާދޭން ހުރި ވަޞީލަތްތަކާވެސް ނުބައްދަލު މިންވަރަށް ކަމަށެވެ. އޭގެ ކުރީން ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ވެސް ބުނަމުން ދިޔައީ، މިވަރެއްގައި ދާނަމަ، އެޑްމިޓްކޮށް، ފަރުވާދޭން ޖެހޭމީހުންވެސް ގުރުލައިގެން އިޚްތިޔާރުކުރާން ޖެހޭ ހާލަތަށް ހިނގައިދާނޭ ކަމަށެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އިވިގެން ދިޔައީ، "ގުދު ފަތިކުރާން" ގޭގައި ތިބޭށެކޭ ނޫނެވެ. އެއްކަލަ ވަރުގަދަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލީއެވެ.

ރައްޔިތުންނަށް ފެނިގެން ދިޔައީ، ސިޔާސީ ފަރާތްތަކަށް ކުރިމަތިވަމުން އަންނަ ބޮޑު ޢީދު (ކައުންސިލްތަކުގެ އިންތިޚާބު)އާ ދިމާކޮށް، ކުރިން އެޅި ގިނަ ފިޔަވަޅުތަކެއް އުވާލި މަންޒަރެވެ. އެގޮތުން މިހާރު، ސިނަމާތައް ހުޅުވާންވީއެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަންވެސް އާންމު ހާލަތަށް ގެނެސް ޚިދުމަތްދޭންވީއެވެ. އެއޮއްވަރުން ބަންދުކުރި ދުވާ ޓްރެކްތަކާއި، ޔުނިވަރސިޓީ، ކޮލެޖް، ޑޭކެއަރ، އަދި ޕްރީ ސްކޫލްތައްވެސް ހުޅުވައިލާން ހުއްދަކުރީއެވެ. އަޖައިބުވެ އަންތަރީން ނުވާނެހެއްޔެވެ. ފައްސިވާ އަދަދު މަދެއް ނުވެއެވެ. ގުދު ފައްޗެއް ނުވެއެވެ. އެކަމަކު، ފިޔަވަޅުތައް ލުއިވެއްޖެއެވެ. ކުރާން މިއުޅެނީ ކީއްހެއްޔެވެ؟ މިކިޔަނީ ކީކޭހެއްޔެވެ؟